ކުރީ ދެއަހަރާއި އަޅާ ބަލާއިރު 2020 ވަނަ އަހަރު ރާއްޖޭގެ ވަރީގެ ނިސްބަތް ދަށްވެފައިވާ ކަމަށް ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.
ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސް އިން އާއްމު ކޮށްފައިވާ ތަފާސް ހިސާބުތަކަށް ބަލާއިރު 2019 އަދި 2018 ވަނަ އަހަރު ރާއްޖޭގެ ވަރީ ނިސްބަތް މައްޗެވެ. ތަފާސް ހިސާބު ދައްކާގޮތުން 2018 ވަނަ އަހަރު ގާތްގަނޑަކަށް ރާއްޖޭގައި ކޮށްފައިވަނީ 3200 އެއްހާ ވަރިއެވެ. އެއަހަރު ރާއްޖޭގައި ކޮށްފައިވަނީ 5200 އެއްހާ ކައިވެންޏެވެ.
2019 ވަނަ އަހަރު ގާތްގަނޑަކަށް 3500 އެއްހާ ވަރި ކޮށްފައިވާއިރު އެ އަހަރު ކޮށްފައިވަނީ 5100 އެއްހާ ކައިވެންޏެވެ. ތަފާސް ހިސާބުތަކުން ދައްކާއިރު މިދިޔަ 2020 ވަނަ އަހަރު ގާތްގަނޑަކަށް ކޮށްފައިވަނީ 3000 އެއްހާ ވަރިއެވެ. އެއަހަރު ކޮށްފައިވަނީ 5000 އެއްހާ ކައިވެންޏެވެ.
މިއަހަރުގެ އާބާދީ ދުވަހާއި ގުޅިގެން އެ އިދާރާއިން އާއްމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާގޮތުގައި ރާއްޖޭގައި ބޭނުންނުވެ ނުވަތަ އާއިލާ ރޭވުމަކާ ނުލައި އުމުރުން 18 އަހަރުގައި %0.4 މީހުން ވަނީ މާބަނޑުވެފައެވެ. އަދި މިނިސްބަތް އުމުރުން 19 އަހަރުގެ އުމުރުފުރާގެ މީހުންގެ މެދުގައި އިތުރުވެފައިވާއިރު %7 މީހުން ބޭނުން ނުވެ މާބަނޑުވެފައިވާކަން ހާމަވެއެވެ.
ރާއްޖޭގައި ވިހެމުގެ ތެރޭގައި ނިޔާވާ އަންހެނުންގެ އަދަދުވެސް ވަނީ ވަރަށް ބޮޑުތަނުން ދަށަށް ގޮސްފައެވެ. އެގޮތުން 2017ވަނަ އަހަރު މިފަދަ 7 މަރު އަދި 2018ވަނަ އަހަރު 4 މަރު އަދި 2019ވަނަ އަހަރު މިފަދަ މަރެއް ރިކޯޑުވެފައިވާކަމަކަށް ތަފާސްހިސާބުތަކުން ދައްކާފައެއް ނުވެއެވެ. އަދި މިދިޔަ އަހަރު މިފަދަ 2 މަރެއް ރެކޯޑުކުރެވިފައިވާކަމަށް ތަފާސް ހިސާބުތަކުން ހާމަވެއެވެ.