ކުރީގެ ރައީސް އަބްދުﷲ ޔާމީންއަށް ދެމުން ގެންދާ ނުހައްގު އަނިޔާ ތަކުރާރު ކުރުމުގެ ބޭނުމަކީ ސަރުކާރަށް ނިސްބަތްވާ ޕާޓީ ކުދިން ރުއްސުން ކަމަށާއި ރައްޔިތުން މިކަން ސިފަކުރަނީ ސިޔާސީ ހަރަކާތެއްގެ ގޮތުގައި ކަމަށް އިދިކޮޅު ފަރާތްތަކުން ބުނެފިއެވެ.
ޕީޕީއެމް ޕީއެންސީ ކޯލިޝަނުން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ، މިމަހުގެ 9 އެއް އަދި 11ގައި ރައީސް ޔާމީން ފުލުހަށް ހާޒިރުކޮށްފައިވަނީ މީގެ ކުރިން ފުލުހަށް ހާޒިރުކޮށް، ބަޔާން ނަގާ، އެންމެހާ ބަޔާންތަކުގައި ސޮއިކުރައްވާ ތަހުގީގު މުޅިން ނިމިފައިވާ މައްސަލައަކާއި ގުޅިގެން ކަމަށްވުމީ އެ ކޯލިޝަނުން އިންތިހާއަށް ކަންބޮޑުވާ މައްސަލައެއް ކަމަށެވެ.
އަދި މައްސަލަ ކުރިއަށް ގެންދާ ގޮތާއި މެދު ރައީސް ޔާމީންގެ ފަރާތްޕުޅުން އެކަން ސާފުކޮށްދިނުމަށް އެދި ސުވާލުކުރުމުންވެސް އެކަމަށް އިޖާބަ ދިނުމެއް ނެތި މަޖުބޫރުން ތަހުގީގު ނިމިފައިވާ މައްސަލަ އިތުރަށް ކުރިއަށް ގެންދިއުމަށް ކުރަމުންގެންދާ މަސައްކަތަކީ، ފުލުހުންގެ މައްޗަށް ސިޔާސީ ނުފޫޒު ފޯރާފައިވާ މިންވަރު ހާމަވެގެންދާ ކަމެއް ކަމަށެވެ.
މިފަދައިން ތަހުގީގު ނިމި ބަޔާންނަގާ ބަޔާން ތަކުގައި ސޮއިކޮށް ނިމިފައިވާ މައްސަލަތައް އިރުއިރުކޮޅާ ނަގަ ތަހުގީގުތައް ތަކުރާރު ކުރާނަމަ އެއްވެސް މައްސަލައެއްގެ ތުހުމަތުގައި ހުންނަ ފަރާތެއްގެ ތަހުގީގު ނިމޭނެ ދުވަހެއް އަންނާނެ ކަމަށް ނުބެލެވޭ ކަމަށްވެސް އިދިކޮޅުގެ ބަޔާނުގައިވެއެވެ. ރައީސް ޔާމީންގެ މައްސަލައިގެ ތަހުގީގެއް އަލުން ފަށާފައިމިވަނީ ސަރުކާރާ މެދު ރައްޔިތުން ހިތްހަމަނުޖެހުންތައް އިތުރުވެ، ރައްޔިތުންގެ ފާޑުކިއުންތައް ސަރުކާރަށް އަމާޒުވަމުންދާ މިދަނޑިވަޅުގައި ރައްޔިތުންގެ ވިސްނުން އެހެން ދިމާއަކަށް ބަދަލުކޮށްލުމުގެ ބޭނުމުގައި ކަމަށްވެސް އިދިކޮޅުން ބުނެފައިވެއެވެ.