އޮޑިޓާ ޖެނެރަލްގެ މަގާމަށް ގަލޮޅު އައިފަ، ޙުސައިން ނިޔާޒީ ޢައްޔަން ކުރައްވައި، މަގާމުގެ ހުވާ ކުރައްވައިފި އެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވަނީ ނިޔާޒީއަށް މަގާމުގެ ފަތްކޮޅު އަރުވައިފަ އެވެ. މިރަސްމިއްޔާތު އޮތީ، މިއަދު މެންދުރުކުރީ ރައީސް އޮފީހުގަ އެވެ.
ފަތްކޮޅު ދެއްވުމުގެ ކުރިން ސުޕްރީމް ކޯޓުގެ ފަނޑިޔާރު އޮނަރަބަލް އަލްއުސްތާޛު މަޙާޒު ޢަލީ ޒާހިރުގެ ކުރިފުޅުމަތީގައި، އޮޑިޓަރ ޖެނެރަލް ކަމުގެ ހުވާ، ޙުސައިން ނިޔާޒީ ކުރައްވައި، ހުވައިގެ އިޤްރާރުގައި އެމަނިކުފާނު ސޮއިކުރެއްވި އެވެ.
ނިޔާޒީއަކީ 2008 ވަނަ އަހަރު އިނގިރޭސިވިލާތުގެ ދި ޗަރޓަރޑް އިންސްޓިޓިއުޓް އޮފް މެނޭޖްމަންޓް އެކައުންޓަންޓްސް އިން އެސޯސިއޭޓް މެންބަރުކަން ހާސިލުކުރައްވާފައިވާ ބޭފުޅެކެވެ. އަދި، މީގެކުރިން ނިޔާޒީ ވަނީ އިންޑިޔާގެ ބެންގަލޯރ ޔުނިވަރސިޓީ އިން ބެޗެލަރ އޮފް ކޮމަރސް ހާސިލުކުރައްވައިފަ އެވެ.
ނިޔާޒީ އަކީ އޮޑިޓަރ ޖެނެރަލް އޮފީހުގެ ތަފާތު އެކި މަޤާމުތައް ފުރުއްވާފައިވާ ބޭފުޅެކެވެ. މިގޮތުން ނިޔާޒީ ފުރުއްވި މަޤާމުތަކުގެ ތެރޭގައި އެސިސްޓަންޓް އޮޑިޓަރ ޖެނެރަލްގެ މަޤާމާއި، އޮޑިޓް މެނޭޖަރކަމުގެ މަޤާމާއި، އެސިސްޓަންޓް އޮޑިޓަރ ކަމުގެ މަޤާމުވެސް ހިމެނެއެވެ. މީގެ އިތުރުން ނިޔާޒީ އަކީ އިންސްޓިޓިއުޓް އޮފް ޗަރޓަރޑް އެކައުންޓަންޓްސް އޮފް ދި މޯލްޑިވެސްގެ ކައުންސިލް މެންބަރެކެވެ. އަދި، އިންސްޓިޓިއުޓް އޮފް ޗަރޓަރޑް އެކައުންޓަންޓްސް އޮފް ދި މޯލްޑިވެސްގެ އެޑްމިޝަން އެންޑް ލައިސަންސިންގ ކޮމިޓީގެ ޗެއަރޕަރސަން ވެސް މެއެވެ. މީގެ އިތުރުން ވެސް ނިޔާޒީއަކީ މި ދާއިރާއާ ގުޅޭ ތަފާތު އެކި މަޤާމުތައް ފުރުއްވައި ތަޖުރިބާ ހޯއްދަވާފައިވާ ބޭފުޅެކެވެ.
ނިޔާސީ އޮޑިޓާ ޖެނެރަލްގެ މަގާމަށް އައްޔަނު ކުރައްވާފައި މިވަނީ އެ މަގާމު ހުސްވެފައި އޮންނަތާ ދުވަސްކޮޅެއް ވެފައި ވަނިކޮށެވެ. ކުރިން އޮޑިޓާ ޖެނެރަލްގެ މަގާމުގައި ހުންނެވި ހަސަން ޒިޔަތު އިސްތިއުފާ ދެއްވީ އެމްއެމްޕީއާރުސީ ހިޔާނާތުގެ ފައިސާ ލިބުނުކަމަށް ތުހުމަތުކޮށް މަޖިލީހުން އާންމުކުރި ލިސްޓުގައި އޭނާގެ ނަން އޮތުމުންނެވެ.