ރާއްޖޭގައި ގަވާއިދާ ހިލާފަށް ބިދޭސީން ހިންގާ ވިޔަފާރިތައް ދެނެގަނެ، އެ ތަންތަން ބަލައިފާސްކުރުމަށް ސަރުކާރުން ހިންގާ އޮޕަރޭޝަންގެ ތެރެއިން، ފަސް ތަނެއް ބަންދުކޮށް ގަވާއިދާ ހިލާފަށް އުޅެމުންދިޔަ ތިން ބިދޭސީއަކު އަތުލައިގެންފި އެވެ.
ފުލުހުން ބުނީ ރާއްޖޭގައި ގަވާއިދާ ހިލާފަށް ވިޔަފާރިކޮށް، ސައްހަ ވިސާއެއް ނެތި އުޅެމުން ގެންދާ ބިދޭސީން ހޯދައި އަނބުރާ އެމީހުންގެ ގައުމުތަކަށް ފޮނުވާލުމަށް ކުރިއަށް ގެންދާ ސިލްސިލާ އޮޕަރޭޝަން ތަކުގެ ތެރެއިން، ފުލުހުންނާއި، އިމިގްރޭޝަން، ކަސްޓަމްސް އަދި މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީ.އޭ) ގުޅިގެން ހިންގި އޮޕަރޭޝަންގައި ޖުމްލަ 10 ތަނެއް ބަލައިފާސްކޮށް، 5 ތަނަކަށް ނޯޓިސް ދިނުމަށްފަހު ބަންދުކޮށްފައިވާ ކަމަށެވެ.
އަދި ގަވާއިދާ ހިލާފަށް އުޅެމުންދިޔަ ތިން ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށްވެސް ފުލުހުން ބުންޏެވެ.
ރާއްޖޭގައި ގަވާއިދާ ހިލާފަށް ބިދޭސީން ހިންގާ ވިޔަފާރިތައް ރިޕޯޓުކުރަން މިދިޔަ ނޮވެމްބަރު މަހުގެ 27 ގައި ހުޅުވާލާފައިވާއިރު، 56 ވިޔަފާރިއެއް ވަނީ ބަންދުކޮށްފަ އެވެ.
އިކޮނޮމިކް މިނިސްޓްރީން ވަނީ ބިދޭސީން ގަވާއިދާ ހިލާފަށް ވިޔަފާރި ހިންގާކަމުގެ އެއްވެސް މައުލޫމާތެއް ލިބިއްޖެނަމަ، ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 8 އިން ރޭގަނޑު 8 އާއި ދެމެދު މިނިސްޓްރީގެ ހޮޓްލައިން 3333199 އަށް ގުޅައިގެން ނުވަތަ މިނިސްޓްރީގެ ވެބްސައިޓް (https://trade.gov.mv/report-business-dv) މެދުވެރިކޮށް ކޮންމެ ވަގުތެއްގައި ވެސް ރިޕޯޓު ކުރެވޭނެ ގޮތް ހަމަޖެހިފައިވާ ކަމަށް ބުނެފަ އެވެ.








