ކޮމަންވެލްތުގެ ޤައުމުތަކުގެ ޤާނޫނު ހަދާ މަޖިލިސްތަކުގެ ރައީސުންނާއި ޕްރިޒައިޑިންގ އޮފިސަރުންގެ 28 ވަނަ ކޮންފަރެންސްގައި ބައިވެރިވެވަޑައިގަތުމަށްޓަކައި، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ރަސްމީ ދަތުރުފުޅެއްގައި އިންޑިއާއަށް ފުރާވަޑައިގެންފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި، މި މުހިންމު ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް މަޖިލިސް ރައީސް ކުރައްވާ މި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، އެނބުރި ރާއްޖެ ވަޑައިގަތުމަށް ހަމަޖެހިފައިވަނީ މި ހިނގާ މަހުގެ 18 ވަނަ ދުވަހުއެވެ.
މިއީ މި އަހަރުގެ ތެރޭގައި އަބްދުއްރަހީމް އިންޑިއާއަށް ކުރައްވާ ދެވަނަ ރަސްމީ ދަތުރުފުޅެވެ. މީގެ ކުރިން، ހުސްވި ފެބްރުއަރީ މަހުވެސް އެމަނިކުފާނު ވަނީ އިންޑިއާއަށް ޒިޔާރަތް ކުރައްވާފައެވެ. އެ ފަހަރުގެ ދަތުރުފުޅަކީ އިންޑިއާގެ ޤާނޫނު ހަދާ މަޖިލީހުގެ ތިރިގޭގެ (ލޮކް ސަބާ) ރައީސް އޯމް ބިރުލާއާއި، އެ ޤައުމުގެ ނައިބު ރައީސް އަދި މަތިގޭގެ (ރާޖްޔަ ސަބާ) ޗެއާމަން ޖަގްދީޕް ދަންކަރުގެ ޚާއްސަ ދަޢުވަތަކަށް ކުރެއްވި ދަތުރުފުޅެކެވެ.








