ކޮވިޑް-19 އާއި ގުޅިގެން ރާއްޖޭގައި އަޅާފައިވާ ފިޔަވަޅުތައް ރަނގަޅު ކަމަށާއި އެހެންނަމަވެސް އަދިވެސް ފިޔަވަޅުތައް އިތުރަށް ހަރުދަނާ ކުރެވިދާނެކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް ވިދާޅުވެއްޖެ އެވެ.
ނައިބު ރައީސް މިފަދައިން ވިދާޅުވީ ހެލްތު އިމަވެޖްސީ އޮޕަރޭޝަންސް ސެންޓަރަށް (އެޗްއީއޯސީ) އަށް ޒިޔާރާތް ކުރައްވައި އެތަނުގައި މަސައްކަތް ކުރައްވާ އޮފިޝަލުންނާއިއެކު ބޭއްވެވި ބައްދަލުކުރެއްވުމުގަ އެވެ.
އެބައްދަލުކުރެއްވުމުގައި ނައިބު ރައީސް ފައިސަލް ވިދާޅުވީ ކޮވިޑު ބަލި ޖެހިގެން ހޮސްޕިޓަލުތަކުގައި ފަރުވާ ދެމުންދާ މީހުންގެ އަދަދު ވަރަށް ބޮޑަށް ދަށަށް ގޮސްފައިވާތީ ފިޔަވަޅުތައް ރަނގަޅުކަން ފާހަގަކުރައްވައިފަ އެވެ. އެހެންނަމަވެސް ފިޔަވަޅުތައް އިތުރަށް ހަރުދަނާ ކުރުމަށް މަސައްކަތް ކުރެވިދާނެކަމަށް ވިދާޅުވި އެވެ.
މީގެ އިތުރުން އެމަނިކުފާނު ވަނީ ކަރަންޓީން އަދި އައިސޮލޭޝަން ފެސިލިޓީތަކުގެ އެންމެ ފަހުގެ މަޢުލޫމާތު އޮޅުންފިލުވާފަ އެވެ. އެގޮތުން މިހާރު އެތަންތަން ހިނގަމުންދާ ގޮތުގެ މަޢުލޫމާތު ހޯއްދަވައި މިހާރު އޮތް ހާލަތަށް ބަލާފައި ފެސިލިޓީތަކަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމަށް އެމަނިކުފާނު ވިދާޅުވި އެވެ.
މިއަދުގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެން ހެލްތު މިނިސްޓަރު އަހުމަދު ނަސީމް ވަނީ ވެކްސިން ދެވޭ މީހުންގެ ނިސްބަތް އިތުރުކުރުމަށާއި ވެކްސިންގެ ދެ ޑޯޒް ފުރިހަމަ ކުރުމަށް ބާރުއަޅުއްވަން ޖެހޭ ކަމަށް ވިދާޅުވެފަ އެވެ.
އެޗްއީއޯސީގެ އޮފިޝަލުން ކޮވިޑުގެ އެންމެ ފަހުގެ ތަފާސް ހިސާބުތައް ނައިބު ރައީސަށް އޮޅުންފިލުވައި ދެއްވި އެވެ. އަދި އޮފިޝަލުން ވަނީ މިހާރު ރައްޔިތުންނަށް ލުއި ދިނުމަށް އަޅާފައިވާ ފިޔަވަޅުތައް ތަފްޞީލުކޮށްދެއްވާފަ އެވެ. ޒަރޫރީ ބޭނުމެއްގައި ނޫނީ އެއްރަށުން އަނެއް ރަށަށް ނުދިއުމުގެ މުހިންމުކަމަށާއި، މޮނިޓަރިންގއަށް ލާފައިވާ ރަށްތަކަށް ނުދިއުމަށް ބާރު އަޅައި އޮފިޝަލުން ވާހަކަ ދެއްކެވި އެވެ.
މިއަދު ދަރުބާރުގޭގައި އޮތް މި ބައްދަލުކުރެއްވުމުގައި ނައިބު ރައީސް ފައިސަލް އާއި މިނިސްޓަރު ނަސީމްގެ އިތުރުން ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުންނާއި އެޗްއީއޯސީގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގެންނެވި އެވެ.