މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ ތެލުގެ ބާޒާރަށް އަންނަމުންދާ ލޮޅުންތަކާއެކުވެސް ރާއްޖެއަށް ބޭނުންވާ ތެޔޮ ހުއްޓުމެއްނެތި ލިބޭނެކަން ސަރުކާރުން ކަށަވަރުކުރާނެކަމަށާއި، އެކަމަށްޓަކައި މިމަހުވެސް ތިން ޝިޕްމެންޓުގެ ތެޔޮ ލިބޭނެ ކަމުގައި ސަރުކާރުން ބުނެފިއެވެ.
މިނިސްޓަރުން ހިމެނޭ ގޮތަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އެކުލަވާލައްވާފައިވާ ކްރައިސިސް ކޮމިޓީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޒަމީރު ވިދާޅުވީ، ސަރުކާރުގެ އަމާޒަަކީ ހުއްޓުމެއްނެތި ރާއްޖެއަށް ބޭނުންވާ ތެޔޮ ލިބޭނެކަން ޔަގީންކުރުން ކަމަށެވެ.
ޒަމީރު ވިދާޅުވީ، މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ވިޔަފާރިތަކަށް އުނދަގޫތައް ކުރިމަތިވަމުންދާއިރު، އެ އުނދަގޫތަކަށް ހައްލެއް ހޯދުމަށް ރާއްޖޭގެ އެންމެ ބޮޑު ބޭންކު ބޭންކް އޮފް މޯލްޑިވްސް އާއި އެހެން ބޭންކުތަކާ ގުޅިގެން ވެސް މަޝްވަރާ ކުރަމުން އަންނަ ކަމަށެވެ.
"ލުއިދިނުމުގައި މި ބަލަނީ ބޭންކް އޮފް މޯލްޑިވްސް އާއި މަޝްވަރާ ކޮށްގެން އަދި އެހެން ބޭންކުތަކާ ވެސް މަޝްވަރާކޮށްގެން ވިޔަފާރިތަކަށް މިވަގުތުން ވަގުތަށް ހުރި އުނދަގޫތައް ހައްލުކުރުމަށްޓަކައި އެޑިޝަނަލް ވޯކިން ކެޕިޓަލް އާއި އެހެން ހުރި ފައިނޭންސިން ނީޑްސްތަކަށް ފައިސާ ދޫކުރުން،" އޭނާ ވިދާޅުވި އެވެ.
ޒަމީރު ވިދާޅުވީ މިއަދު ތެޔޮ ލިބޭނެކަން ސަރުކާރުން ޔަގީންކުރާނެކަމާމެދު ސުވާލެއް ނެތް ކަމަށެވެ. ނަމަވެސް މައިގަނޑު ގޮތެއްގައި ސުވާލުތައް އަންނަނީ އަގާ ގުޅޭ ގޮތުން ފާހަގަކުރައްވަމުން ޒަމީރު ވިދާޅުވީ އަގަކީ ރާއްޖެއަށް އަދި ދިވެހި ސަރުކާރަށް އެކަމުގެ މައްޗަށް ނުފޫޒެއް ފޯރުވޭނެ ކަމެއް ނޫން ކަމަށެވެ.
ތެޔޮ ލިބޭނެކަން ކަށަވަރުކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ތެރެއިން މި މަހުގެ 18 ވަނަ ދުވަހު 18،000 މެޓްރިކްޓަނުގެ ޑީސަލާއި، 5،400 މެޓްރިކްޓަނުގެ ޕެޓްރޯލު ޝިޕްމެންޓެއް ގެނެސްފައިވެއެވެ. އަދި އޭޕްރީލު 24 ވަނަ ދުވަހު 25،400 މެޓްރިކްްޓަނުގެ ޑީސަލް ޝިޕްމެންޓެއް ލިބޭއިރު، 28 ވަނަ ދުވަހު 28،000 މެޓްރިކްޓަނުގެ ޖެޓް ފިއުލް ޝިޕްމެންޓެއް ރާއްޖެއަށް އަންނާނެއެވެ.
"އެހެންވީމާ ތެޔޮ ގެނައުމުގައި އެއްވެސް ދަތިކަމެއް ނެތް. ތެޔޮ ސްޓޮކްކުރުމަށްޓަކައި ކުރިންވެސް ދެންނެވިހެން މެދުތެރެއިން އާައްމުކޮށް އޮމާނުން ގަންނަމުން އައި ކަމުގައިވިޔަސް ސިންގަޕޫރުންވެސް ހުންނާނީ ޝިޕްމެންޓުތައް ގެނެސްފައި. ރައްޔިތުންނަށް އަދި ރާއްޖޭގެ ވިޔަފާރިތަކަށްވެސް ދަތިތަކެއް ނެތި ތެޔޮ ލިބުމުގައި ދަތިތަކެއް ތެޔޮ ލިބޭނެ ގޮތްތައް ހުންނާނީ ހަމަޖައްސާފައި،" ޒަމީރު ވިދާޅުވިއެވެ.







