ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ގޮނޑީގެ ބައި-އިލެކްޝަނަށް އެމްޑީޕީގެ ޕްރައިމަރީއަށް އިތުރު މެންބަރަކު ކުރިމަތިލައިފައި ނުވާތީ، އެ ޕާޓީގެ ފަރާތުން އިންތިޚާބުގައި ވާދަކުރައްވާނީ އައްޑޫގެ ކުރީގެ މޭޔަރު ޢަބްދުالله ޞާދިޤް (ސޯބެ) ކަމަށް، އެ ޕާޓީން އިއުލާނުކޮށްފިއެވެ.
އެމްޑީޕީން ވަނީ މިދިޔަ އާދީއްތަ ދުވަހުން ފެށިގެން މިއަދު މެންދުރު ދޭއް ޖެހުމާ ހަމައަށް، ބައި-އިލެކްޝަން ޕްރައިމަރީގައި ވާދަކުރުމަށް ހުޅުވައިލައިފައެވެ.
އެމްޑީޕީން މިއަދު ކުރި އިއުލާނުގައިވާ ގޮތުން، ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަންގައި ވާދަކުރަން ޝައުގުވެރިކަން ފާޅުކުރެއްވީ، އެ ޕާޓީގެ ވެސް ހިތަދޫ އުތުރު ދާއިރާގެ ރައީސްކަން ކުރައްވާ ސޯބެއެވެ.
އެހެންކަމުން ސޯބެއަކީ އެ ޕާޓީގެ ހިތަދޫ އުތުރު ދާއިރާގެ މަޖިލިސް ކެންޑިޑޭޓުކަމަށް އެމްޑީޕީގެ އިއުލާނުގައިވެއެވެ.
ހިތަދޫ އުތުރު ދާއިރާގެ ގޮނޑި ގެއްލިފައިވަނީ އެ ދާއިރާގެ ޕީއެންސީ މެންބަރު، މުހައްމަދު ސިނާންގެ ގޮނޑި ގެއްލިފައިވާކަން ސުޕްރީމް ކޯޓުން މިދިޔަ އާދިއްތަ ދުވަހު އިއްވި ހުކުމާ ގުޅިގެންނެވެ.







