ކޯޓުގެ ހުރުމަތް ކަނޑާފައިވާކަން ބެލުމަށްޓަކައި، އަދަދު ނޫހުގެ ނޫސްވެރިޔާ މުހައްމަދު ޝަހުޒާން މާދަމާ ކްރިމިނަލް ކޯޓަށް ހާޒިރުވާން އަންގައިފި އެވެ.
ކްރިމިނަލް ކޯޓުން ޝަހުޒާނަށް ފޮނުވާފައިވާ އަމުރުގައި ބުނެފައިވަނީ މާދަމާ މެންދުރުފަހު 1:00 އަށް އެކޯޓަށް ހާޒިރުވުމަށެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި، ކޯޓު އަމުރަކާ ޚިލާފަށް ސުވާލުކުރި ކަމަށް ނިންމަވައި ޝަހުޒާން ނޫސްވެރިންގެ ބައްދަލުކުރެއްވުމުން ނެރުނީ ރައީސްގެ އެންގެވުމަށެވެ.
މިއަދު ބޭއްވި މި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުޢިއްޒު ވިދާޅުވީ، ކްރިމިނަލް ކޯޓުން ނެރެފައިވާ "ގެގް" އޯޑަރަށް ނުވަތަ މައުލޫމާތު ހާމަކުރުން މަނާކޮށް ނެރެފައިވާ އަމުރަށް ތަބާވުމަކީ ހުރިހާ ދިވެހި ރައްޔިތުންގެ މައްޗަށް ލާޒިމް ކަމެއް ކަމަށެވެ.
"ސަރުކާރުން ކުރާ ކަމެއް ނޫން. ޝަރުއީ ދާއިރާއިން ކުރާ މަސައްކަތް ޝަރުއީ ދާއިރާއިން ކުރާނެ،" ރައީސް ވިދާޅުވިއެވެ.
މިއަދު ކްރިމިނަލް ކޯޓުން ޝަހުޒާނަށް ފޮނުވި އަމުރުގައިވަނީ "ޝަރީއަތުގައި ހިނގަމުންދާ މައްސަލައެއްގައި ވަކި ގޮތަކަށް އަމަލު ނުކުރުމަށް އަންގާ ކުރާ އަމުރު" ނެރެފައިވަނިކޮށް
މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޝަހުޒާން ކުރި ސުވާލުތަކާއި ދެއްކި ވާހަކަތަކަކީ، ކޯޓުން ނެރެފައިވާ އަމުރާ ހިލާފަށް ދެއްކި ވާހަކަތަކެއް ކަމަށް ބެލެވޭ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން އެ ކޯޓުގެ ސަމާލުކަމަށް އެކަން ގެނެސްފައިވާ ކަމަށެވެ.
މި މައްސަލަ ބެލުމަށް ނިންމާފައިވަނީ ކޯޓުގެ ހުރުމަތް ރައްކާތެރިކުރުމާ ބެހޭ ގަވާއިދުގެ 7 ވަނަ މާއްދާގެ ގެ ދަށުން ކަމަށް ޗިޓުގައިވެ އެވެ.
ޝަހުޒާންގެ އިތުރުން ޑޮކިއުމެންޓްރީގެ ވާހަކަ ދެއްކުން މަނާކޮށް ކޯޓުން ނެރުނު އަމުރާ ހިލާފަށް ހަބަރު ލިޔުނު ކަމަށް ތުހުމަތުކޮށް އަދަދު ނޫހުގެ ނޫސްވެރިއާ ލީވާން އަލީ ނާސިރު ވެސް މާދަމާ ކޯޓަށް ހާޒިރުވާން ވަނީ އަންގައިފަ އެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ މައްޗަށް ތުހުމަތުތަކެއް ކޮށް "އަދަދު" ނޫހުން އާންމުކުރި "އައިޝާ" ޑޮކިއުމެންޓްރީގައި ދައްކާފައިވާ އެއްވެސް ވާހަކައެއް އާއްމުނުކުރުމަށް ކްރިމިނަލް ކޯޓުން އިއްޔެ ވަނީ އާންމުނަށް އަމުރުކޮށްފަ އެވެ.








