ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ”ހަމަ މަގަށް އަޅުވަން“ ކުރީގެ ތިން ރައީސުން ކަމަށްވާ ރައީސް މުހައްމަދު ނަޝީދާއި، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އަދި ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ގުޅިގެން ހާއްސަ ކޮމެޓީއެއް އުފައްދަވައިފިއެވެ.
ކޮންމެ ރައީސަކު ވެސް ވަނީ އެރައީސެއްގެ ފަރާތްޕުޅުން ކޮމެޓީގައި ތިއްބަވާނެ ދެބޭފުޅުން ނަންގަވާފަ އެވެ.އެގޮތުން ރައީސް ނަޝީދުގެ ފަރާތްޕުޅުން ތިއްބަވާނީ މަޖިލީހުގެ ކުރީގެ ނައިބު ރައީސް އީވާ އަބްދުﷲ އާއި އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލް އެވެ.
ރައީސް ސޯލިހުގެ ފަރާތްޕުޅުން އައްޔަން ކުރައްވާފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ދެ މެންބަރުން ކަމަށްވާ އަލިފުށީ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު ރަޝީދު ހުސެއިން (ބިގޭ) އާއި ހޯރަފުށީ ދާއިރާގެ ކުރީގެ މެމްބަރު އަހުމަދު ސަލީމް ( ސައްލެ)އެވެ.
ރައީސް ޔާމީންގެ ފަރާތްޕުޅުން ކޮމެޓީގައި ތިއްބަވާނީ ޕީއެންއެފްގެ ސެކެރަޓަރީ ޖެނަރަލް މުހައްމަދު މަލީޙް ޖަމާލް އާއި މާލޭ މޭޔަރުކަމަށް ޕީއެންއެފުން ވާދަކުރެއްވި އިސްމާއީލް ޒަރިޔަންދު އެވެ.
މި ތިން ރައީސުން ވަނީ އެކުގައި މަސައްކަތް ކުރެއްވުމަށް އެއްބަސްވުމެއްގައި ސޮއިކުރައްވައި، އެކަން ހުކުރު ދުވަހުގެ ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރަސްމީކޮށް އިއުލާނު ކުރައްވާފައެވެ. ސޮއިކުރެއްވި އެއްބަސްވުމުގެ މައިގަނޑު އަސާސްތަކަކީ ޤާނޫނުއަސާސީގެ ހަމަތައް ނަގަހައްޓައި، ޑިމޮކްރެސީ އާއި މިނިވަން ނޫސްވެރިކަން ދިފާއުކުރުމެވެ.
މި އެއްބަސްވުމުގެ މައިގަނޑު އަސާސްތައް:
- ދައުލަތުގެ މުއައްސަސާތައް ސަލާމަތްކުރުން: ވަކިފަރާތަކަށް ބުރަނުވެ މިނިވަންކަމާއެކު މަސައްކަތްކުރާ ތަންތަނުގެ ގޮތުގައި ކޯޓުތަކާއި، ރައްޔިތުންގެ މަޖިލިސް އަދި މިނިވަން މުއައްސަސާތައް ހިންގޭނެ މާހައުލެއް ގާއިމުކުރުން.
- މިނިވަން ނޫސްވެރިކަން ދިފާއުކުރުން: ހިޔާލުފާޅުކުރުމުގެ މިނިވަންކަމަށް ހުރަސްއެޅުން ހުއްޓުވުމާއި، ނޫސްވެރިންނަށް ކުރިމަތިވަމުންދާ ގާނޫނީ އަދި ނުފޫޒުގެ ގޮންޖެހުންތަކުން އެފަރާތްތައް ސަލާމަތްކުރުމަށް ގުޅިގެން މަސައްކަތްކުރުން.
- ގާނޫނުއަސާސީގެ ހައްގުތައް ކަށަވަރުކުރުން: ސަރުކާރުން ގާނޫނުއަސާސީން ކަށަވަރުކޮށްދޭ އަސާސީ ހައްގުތަކަށް އަރައިގަތުން ހުއްޓުވައި، ރައްޔިތުންގެ ހައްގުތައް ހިމާޔަތްކުރުން.
- އިގްތިސޯދާއި ދިރިއުޅުމުގެ ހާލަތު ރަނގަޅުކުރުން: ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު ދަށްވެ، ތަކެތީގެ އަގުބޮޑުވުމާ ގުޅިގެން ރައްޔިތުންނަށް ލުޔެއް ހޯދައިދިނުމަށް ވަކާލާތުކުރުމާއި، ދައުލަތުގެ މުދަލާއި ފައިސާ އަމާނާތްތެރިކަމާއެކު ބެލެހެއްޓޭނެ ނިޒާމެއް ގާއިމުކުރުމަށް ބާރުއެޅުން.
ތިން ރައީސުން އިސްވެ އުފެެއްދެވި މި ކޮމެޓީގެ ފުރަތަމަ ބައްދަލުވުން މި މަހުގެ 18 ވާ ހޯމަ ދުވަހު ބޭއްވުމަށް ވަނީ ތާވަލުކޮށްފައެވެ.








