ފޮރިން މިނިސްޓްރީ ހިންގަމުން އައި އިމާރާތުގެ ފަތުހުﷲ ޖަމީލް ބިލްޑިންގް އަށް ބަދަލުކޮށް އެ އިމާރާތް ރަސްމީކޮށް ހުޅުވައިފި އެވެ.
މިއަދު ހެނދުނު 10:00 ގައި ބޮޑުތަކުރުފާނު މަހުގައި ހުންނަ ފޮރިން މިނިސްޓްރީ އިމާރާތުގެ ކުރިމަތީގައި އޮތް ހާއްސަ ރަސްމިއްޔާތެއްގައި އިމާރާތް ރަސްމީކޮށް ހުޅުވައިދެއްވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެވެ.
މިއަދުގެ ރަސްމިއްޔާތުގައި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުގެ އިތުރުން ނައިބު ރައީސް ފައިސަލް ނަސީމް އާއި ކެބިނެޓުގައި ހިމެނިވަޑައިގަންނަވާ އެހެން ބައެއް ވަޒީރުންވެސް ބައިވެރިވެވަޑައިގެންނެވި އެވެ. މީގެ އިތުރުން ފޮރިން މިނިސްޓްރީގައި މިހާރު މަސައްކަތް ކުރައްވާ ބޭފުޅުންނާއި ކުރިން ހިދުމަތް ކުރެއްވި ބައެއް ބޭފުޅުންވެސް ބައިވެރިވި އެވެ.
މިއަދުގެ ރަސްމިއްޔާތުގައި މިނިސްޓަރު ޝާހިދު ވިދާޅުވީ ކުރިން ދިގު މުއްދަތަކަށް ރާއްޖޭގެ ހާރިޖިއްޔާއަށް އަގު ނުކުރެވޭފަދަ ހިދުމަތްތަކެއް ކޮށްދެއްވި ފަތުހުﷲ ޖަމީލުގެ ހަނދާނުގައި ފޮރިން މިނިސްޓްރީގެ އިމާރާތުގެ ނަން ބަދަލުކޮށް ހުޅުވީ އެމަނިކުފާނުގެ އަގު ވަޒަން ކުރުމުގެ ބޭނުމުގައި ކަމަށެވެ. އެގޮތުން އެ އިމާރާތް ފަރުމާ ކޮށްފައިވަނީ ތިން ރިޔަލެއްގެ މައްޗަށް ކަމަށާއި މުޅި އިމާރާތުގެ މަފުހޫމަކީ ފަތުހުﷲ ޖަމީލުގެ ވިސްނުންފުޅުކަމަށް ޝާހިދު ވިދާޅުވި އެވެ.
"އެމަނިކުފާނަކީ (ފަތުހުﷲ ޖަމީލަކީ) ކުރެހުންތެރިއެއް. އެމަނިކުފާނަކީ ލިޔުންތެރިއެއް، ޅެންވެރިއެއް، މުގައްރިރެއް. އެމަނިކުފާނަކީ ޓީޗަރެއްވެސްމެ. މި އިމާރާތް ކުރައްސަވަމުން ގެންދެވިއިރު ތަސައްވަރުގައި އޮތީ ދިވެހިރާއްޖޭގެ ހާރިޖީ ނާ... ބައިނަލްއަގުވާމީ ކިތަންމެ ގަދަ ކަނޑުތަކެއްގައިވެސް ދުވާނެކަން، ހިފަހައްޓާނެކަން ތަސައްވަރު ކޮށްދެވޭ ގޮތަށް"
- ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު
ޝާހިދު ވިދާޅުވި ގޮތުގައި ބައިނަލްއަގުވާމީ ދުނިޔޭގައި އެންމެ އަގުހުރި މަސައްކަތްތަކެއް ރާއްޖޭގެ ހާރިޖިއްޔާއިން ކުރަމުން ގެންދެވީ ފަތުހުﷲ ޖަމީލުގެ ބެއްލެވުމުގެ ދަށުން ކަމަށެވެ. އޭރު ބައިނަލްއަގުވާމީ ދުނިޔޭގެ އެންމެ އުހަށް ރާއްޖެ ގެއްގޮސްދިންއިރު މިއަދު ރައީސް ސޯލިހުވެސް މަސައްކަތް ކުރައްވަމުން ގެންދަވަނީ އެފަދައިން ކަމަށް ޝާހިދު ވިދާޅުވި އެވެ.
ޝާހިދު ވަނީ އދ. ގެ ގައުމީ މަޖިލީހުގެ ރިޔާސަތަށް އޭނާ އިންތިހާބުވެވަޑައިގެންނެވުމުން، ރައީސް ސޯލިހުގެ ގެންގުޅުއްވާ ވަރުގަދަ ހާރިޖީ ސިޔާސަތަށް މަރުހަބާ ދަންނަވައިފަ އެވެ. އަދި ރާއްޖެ މިއަދު މިއޮތީ އަނެއްކާވެސް ބައިނަލްއަގުވާމީ ދުނިޔޭގެ އެންމެ އުހުގައި ކަމަށް ޝާހިދު ވިދާޅުވި އެވެ.
މިއަދު ބޭއްވި ރަސްމިއްޔާތުގައި ފަތުހުﷲ ޖަމީލުގެ ދެ ދަރިކަލުން ވަނީ ރާއްޖެއިން ބޭރުގައި ހުންނަވައި ވީޑިއޯ މެދުވެރިކޮށް އިނގިރޭސި ބަހުން މެސެޖެއް ފޮނުއްވައިފަ އެވެ.
ފޮރިން މިނިސްޓްރީގެ އިމާރާތް އަލުން ހުޅުވިއިރު އެ އިމާރާތުގައި ހުރި މާލަންތަކަށް ވަނީ ހާރިޖީ ވުޒާރާގައި މަސައްކަތް ކުރެއްވި ވަޒީރުންގެ ތެރެއިން ދުނިޔެއާއި ވަކިވެވަޑައިގެންފައިވާ ވަޒީރުންގެ ނަމުން ނަން ދީފަ އެވެ. އެގޮތުން އަލް އަމީރު ހަސަން ފަރީދު، އަލްއަމީރު މުހައްމަދު އަމީން ދޮށިމޭނާ ކިލެގެފާނު، އަލް އަމީރު އިބްރާހިމް ފާމުދޭރި ކިލެގެފާނުގެ އިތުރުން އަހުމަދު ޒަކީ އާއި ޑރ. އަބްދުއް ސަމަދު އަބްދުﷲ ގެ ނަމުން މާލަންތައް ވަނީ ހާއްސަކޮށްފަ އެވެ.
މިއަދު ނަން ބަދަލުކޮށް އަލުން ހުޅުވި ފޮރިން މިނިސްޓްރީ އިމާރާތަކީ ޗައިނާ ސަރުކާރުގެ އެހީގައި ކުރީގެ ރައީސް މައުމޫނު އަބްދުލް ގައްޔޫމުގެ ވެރިކަމުގައި 2005 ވަނަ އަހަރު ހުޅުވި އިމާރާތެކެވެ. އެތަން މަރާމާތުވެސް ކުރީ ޗައިނާގެ އެހީގަ އެވެ.