ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ނިންމާ ނިންމުންތައް އަދާލަތު ޕާޓީން ބޭނުންވާ ގޮތަކަށް ނިންމަމުން ދާކަމަށް ތުހުމަތު ކުރައްވައި ރައީސް ސޯލިހު ވަނީ ޑިމޮކްރަސީއާއި ހިލާފުވެފައި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ނަޝީދު މިފަދައިން ވިދާޅުވީ އެމަނިކުފާނުގެ އޮފީހުން މިއަދު ނެރުނު ބަޔާނެއްގަ އެވެ.
އެ ބަޔާނުގައި ރައީސް ނަޝީދު ވިދާޅުވީ އެމްޑީޕީއަކީ ރާއްޖޭގެ މެޖޯރިޓީ ކަމަށާއި އަދާލަތަކީ ކޯލިޝަންގައި ހިމެނޭ މައިނޯރިޓީ ޕާޓީއެއް ކަމަށެވެ. 2018 ވަނަ އަހަރު ރައީސް ސޯލިހު ވެރިކަމަށް ވަޑައިގެންނެވީ ރައްޔިތުންގެ ބޮޑު ތާއީދަކާއިއެކުކަން ފާހަގަކުރައްވައި ރައީސް ނަޝީދު ވިދާޅުވީ އޭރު ރައްޔިތުން ވޯޓު ދިނީ އެމްޑީޕީގެ ސިޔާސަތުތަކާއި މިނިވަންކަމަށާއި އިންސާފަށް އަދި ގައުމުގެ ސަގާފަތަށް އޮތް ލޯތްބެއްގެ ބޮޑުކަމުން ކަމަށެވެ. ކޯލިޝަންގައި ހިމެނޭ ޕާޓީތަކުގެ ތާއީދާއިއެކު ވެރިކަމަށް އިންތިހާބުވި ނަމަވެސް ކޯލިޝަންގައި ހިމެނޭ އަދާލަތުގެ މައިނޯރިޓީން ސަރުކާރުގެ ހުރިހާ ނިންމުންތައް ނިންމަމުން ގެންދާތީ ރައީސް ނަޝީދު ވަނީ ކަންބޮޑުވުން ފާޅުކުރައްވައިފަ އެވެ.
"އަދާލަތުން ސަރުކާރުގެ ހުރިހާ ނިންމުންތައް މޮނޮޕޮލައިޒް ކުރަން ދޫކޮށްލާކަން ރައީސް ސޯލިހު ސާފުކޮށްދެއްވުމުން ކޯލިޝަނުން ޑިމޮކްރަސީއާ މިވަނީ ހިލާފުވެފައި. ރާއްޖޭގެ މެޖޯރިޓީއަކީ ބިނާ ކުރުވަނިވި ފިކުރުގެ މީހުން"
- ރައީސް ނަޝީދުގެ އޮފީހުން ނެރުނު ބަޔާން
މީގެ އިތުރުން ރައީސް ނަޝީދު ވިދާޅުވީ ރާއްޖޭގެ ރައްޔިތުންގެ ތެރެއިން ގިނަ މީހުންނަކީ މިނިވަން ފިކުރުގެ މީހުން ކަމަށާއި ހިޔާލު ފާޅު ކުރުމުގެ މިނިވަންކަމުގެ އިތުރުން މިޔުޒިކާއި، ސަގާފަތުގެ އިތުރުން އިގްތިސޯދީ ކުރިއެރުމަށް ލޯބިކުރާ މީހުން ކަމަށެވެ. އަދި ދީނީ ގޮތުން މެދު މިންގަނޑެއް ރާއްޖޭގެ ރައްޔިތުން ގެންގުޅޭ ކަމަށްވެސް ނަޝީދު ވިދާޅުވި އެވެ.
ރައްޔިތުން ސަރުކާރަށް ވޯޓު ދިނީ ހަރުކަށި ދީނީ ވިސްނުމުގެ މީހުންނަށް ނޫން ކަމަށާއި އެފިކުރުގެ މީހުން ރާއްޖޭގެ މުޖުތަމައުއިން މިނިވަންކަން ނިގުޅައިގަތުމަށް ކުރާ މަސައްކަތަށް ރައްޔިތުން ދެކޮޅުކަމަށް ނަޝީދު ވިދާޅުވި އެވެ.
އެމްޑީޕީގެ ލީޑަޝިޕުން މިވަގުތު އެންމެ ބޮޑު އިސްކަމެއް ދީގެން ކުރަންވީ ކަމަކީ މި ވޭތުވެދިޔަ ތަނުގައި އެ ޕާޓީން ކުރަމުން އައި މަސައްކަތާއި ހިފަހައްޓަމުން އައި ސިޔާސަތުތައް ދިފާއު ކުރުންކަމަށާއި އެއީ ހިޔާލުފާޅު ކުރުމުގެ މިނިވަންކަމާއި އިންސާފުވެރިކަން ގާއިމް ކުރުންކަމަށް ނަޝީދު ވިދާޅުވި އެވެ.
ނަޝީދު ވިދާޅުވީ އެމަނިކުފާނަށް އަމާޒުކޮށް ދިން ޓެރަރިސްޓު ހަމަލާގެ އަޑީގައި ތިބީ ދީނީ ހަރުކަށި ފިކުރުގެ މީހުންކަން ސާފުކޮށް އެނގެން އޮތްއިރު އެފަދަ ކަންކަން ހިނގަނީ މުސްލިމުން، ކާފަރު ކުރުމަށްފަހު އެމީހުންގެ ލޭ ހުއްދަކަމަށް ފަތުވާ ނެރެން ފެށުމުން ކަމަށެވެ. ނަޝީދަށް ދިން ހަމަލާގެ އިތުރުން ޑރ. އަފްރާޝީމް އަލީއާއި، ނޫސްވެރިޔާ ރިލްވާންގެ އިތުރުން ބްލޮގާ ޔާމީން ރަޝީދުއަށް ދިން ހަމަލާއަކީވެސް މި ބީދައިން ހިނގާފައިވާ ކަންކަން ކަމަށް ނަޝީދު ވިދާޅުވި އެވެ.
"ކުރު މާޒީން ފެންނަން އޮތީ ނަފުރަތު ފެތުރުން އާންމުކޮށް މި ލޭބަލް (މުސްލިމް ނޫންކަމުގެ ލޭބަލް) އަޅުވާފައިވަނީ ހިޔާލު ފާޅު ކުރާ މީހުންނަށް ކަން. އޭގެ ތެރޭގައި ސިޔާސީ ފަރާތްތަކާއި، ނޫސްވެރިންގެ އިތުރުން އާންމު ރައްޔިތުންވެސް ހިމެނޭ."
- ރައީސް ނަޝީދުގެ އޮފީހުން ނެރުނު ބަޔާން
މިކަންކަން ހުއްޓުވުމަށް ސަރުކާރުން ވަނީ ރައްޔިތުންގެ މަޖިލީހަށް ނަފުރަތު ފެތުރުން ހުއްޓުވުމަށް ބިލެއް ލާފައިކަމަށާއި އެހެންނަމަވެސް ސަރުކާރު ކޯލިޝަންގައި ހިމެނޭ ޕާޓީތަކުން މި ބިލާ ދެކޮޅުކަމަށް ފަހުން ބުނުމުން ސަރުކާރުގެ ބިލަށް ސަރުކާރުގެ ތާއީދު ނެތްކަމަށް ވިދާޅުވުމުން އެކަމާ ނަޝީދު ކަންބޮޑުވުން ފާޅު ކުރެއްވި އެވެ.
ނަޝީދު ވިދާޅުވީ ސިޔާސީ ބައެއް ފަރާތްތަކުން މި ބިލަށް ތާއީދު ނުކުރީ ހަރުކަށި ފިކުރުގެ މީހުންގެ ޓާގެޓަކަށް ވެދާނެ ކަމުގެ ބިރަށް ކަމަށެވެ. އެހެންނަމަވެސް މިފަދަ މުހިންމު ބިލަކަށް ސަރުކާރަށް ތާއީދު ނުކުރެވޭނަމަ، އެސަރުކާރަކަށް ރާއީދު ކުރުމަކީ ނަޝީދަށް އުނދަގޫވެ ވަޑައިގަންނަވާނެ ކަމެއްކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
އެއްވެސް ކަމެއް މެދުވެރިވެގެން ވިޔަސް ޑިމޮކްރަސީގެ އަސާސްތަކާއި ހިލާފުވެގެން ނުވާނެކަމަށް ގަބޫލު ކުރެއްވޭކަމަށާއި ހާއްސަކޮށް ރައްޔިތުންގެ މާ ބޮޑު ތާއީދެއް ނެތް މައިނޯރިޓީއަށް ތަބާވެ ބައިބައިވުމަށް ފުރުސަތު ދެވިގެން ނުވާނެކަމަށްވެސް ވިދާޅުވި އެވެ. އެމްޑީޕޫގެ ޓިކެޓުގައި ވެރިކަމަށް ވަޑައިގެން ހުންނަވައި އެޕާޓީގެ ލީޑަޝިޕަށާއި ޕާޓީގެ އެންމެ އަސާސީ ސިޔާސަތުތަކަށް އިހުތިރާމު ކުރައްވަން ރައީސް ސޯލިހަށް ޖެހިވަޑައިގަންނަވާނެ ކަމަށް ނަޝީދުގެ ބަޔާން ނިންމަވާލައްވަމުން ވިދާޅުވި އެވެ.
ރައީސް ނަޝީދު މީގެ ކުރިން ވަނީ ރައީސް ސޯލިހާއިއެކު ސިޔާސީ ގޮތުން ހުންނެވެން ނެތްކަަމަށް ވިދާޅުވެފަ އެވެ. އެހެންމަވެސް ރަސްމީކޮށް މި ސަރުކާރަށް ކުރި ތާއީދު އަދި ގެންނަވާފައެއް ނުވެ އެވެ.
ތާއީދު އަނބުރާ ގެންދެވިކަން އިއުލާން ކުރައްވާ
އަހަރުމެން ބޭނުމެއް ނޫން ނަޝީދަކަށް ވެސް އިބޫއަކަށްވެސް ތާއީދު ކުރާކަށް. ޥެރިކަން ކުރަން ހަމައެކަނި އިނގެނީ ރ ޔާމީން އަށް