ކުޅުދުއްފުށީ ސިޓީގައި ތިއްބަވާ އެމްޑީޕީގެ އިސް ބޭފުޅުންނާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ބައްދަލުކުރައްވައިފި އެވެ.
މިއަދު މެންދުރުފަހު އޮތް މި ބައްދަލުކުރެއްވުމުގައި ރައީސް ސޯލިހު ވަނީ ކުޅުދުއްފުށީ ސިޓީގެ ތަރައްގީގެ ބައެއް ކަންކަމާއި ސަރުކާރުން ހިންގާ މަޝްރޫއުތަކާއި ގުޅޭގޮތުން މަޝްވަރާ ކުރައްވައިފަ އެވެ.
ރައީސް އޮފީހުގެ ތަރުޖަމާނު މަބުރޫކު އަޒީޒު ވިދާޅުވީ ސަރުކާރުގެ ތަރައްގީގެ މަޝްރޫއުތަކުގެ އިތުރުން ކުޅުދުއްފުށީގެ ސިއްހީ ހިދުމަތްތަކާއި ގުޅޭގޮތުންވެސް މަޝްވަރާ ކުރެއްވި ކަމަށެވެ. އަދި މަގު ހެދުމާއި ގެދޮރުވެރިކަމުގެ ކަންކަމާއި ގުޅޭ މަޝްވަރާތައްވެސް ކުރިއަށް ގެންދެވިކަމަށް ވިދާޅުވި އެވެ.
މިއަދުގެ ބައްދަލުކުރެއްވުމުގައި އެމްޑީޕީގެ ހަރަކާތްތައް ވަރުގަދަކުރުމާއި ގުޅޭގޮތުންވެސް ރައީސްއާއި އެމްޑީޕީގެ ކުޅުދުއްފުށީ އިސްވެރިން މަޝްވަރާ ކުރެއްވިކަމަށް މަބުރޫކު ވިދާޅުވި އެވެ.
ރައީސް އެމްޑީޕީގެ މަޝްވަރާ ބައްދަލުވުމެއް މިއަދު ކުރިއަށް ގެންދެވިއިރު އެޕާޓީ ވަނީ ވަރަށް ބޮޑަށް ދެބައިވެފަ އެވެ. އެގޮތުން ޕާޓީގެ ރައީސް މުހައްމަދު ނަޝީދުވަނީ އެމަނިކުފާނަށް ރައީސް ސޯލިހާއިއެކު ސިޔާސީ ގޮތުން ހުންނެވެން ނެތްކަަމަށްވެސް ވިދާޅުވެފަ އެވެ. ރައީސް ނަޝީދު މިއަދު ވަނީ ސަރުކާރަށް އެމަނިކުފާނު ކުރައްވާ ތާއީދު ރަސްމީކޮށް ގެންނަވައިފާނެކަމުގެ އިޝާރާތެއްވެސް ކުރައްވައިފަ އެވެ.
އެމްޑީޕީއަކީ ސޯޝަލް މީޑިއާގައި ވަރަށް އެކްޓިވް ޕާޓީއެކެވެ. އެހެންނަމަވެސް ރައީސް ސޯލިހުގެ ބައްދަލުވުމުގެ ވާހަކަ އެޕާޓީގެ އެއްވެސް ސޯޝަލް މީޑިއާ ޕްލެޓްފޯމުގައި މިހާތަނަށް ގެނަސްދީފައެއް ނުވެ އެވެ. އެމްޑީޕީގެ ލީޑަޝިޕްގެ ގިނަ ބޭފުޅުން ތާއީދު ކުރައްވަނީ ރައީސް ނަޝީދުގެ ފިކުރަށްކަންވެސް ފާހަގަކޮށްލެވެ އެވެ.