” އަތަމަނަ ” ގެ ނަމުގައި ހަފުތާ ނޫހެއް ނެރުމަށް މާލެ ސިޓީ ކައުންސިލުން ނިންމައިފިއެވެ.
މިކަން ނިންމާފައިވަނީ މިމަހުގެ 15 ވަނަ ދުވަހު ބޭއްވުނު ކައުންސިލްގެ ކުއްލި ބައްދަލުވުމުންނެވެ.
ކައުންސިލުން ނިންމާފައިވަނީ ކައުންސިލުން ކަނޑައަޅާ އެޑިޓޯރިއަލް ބޯޑެއް ހަމަޖައްސައި އެ ބޯޑުގެ ބެލުމުގެ ދަށުން މި ނޫހުގެ ކަންކަން ކުރިއަށް ގެންދިއުމަށެވެ. މި ނޫހުގެ ބޭނުމަކީ ކައުންސިލުން ހިންގާ ހަރަކާތްތައް ރައްޔިތުންނަށާއި އެހެން މީޑިއާތަކަށް ފޯރުކޮށްދީ އެ މީޑިއާތަކަށްވެސް ހަބަރު ހެދުމަށް ފަސޭހަކުރުމާއި ކައުންސިލާމެދު ރައްޔިތުންގެ މެދުގައި ހޭލުންތެރިކަން އިތުރުކުރުމެވެ.
މި ނޫހުގައި ހިމެނޭނީ ކައުންސިލުން އެ ހަފުތާއެއްގައި ހިންގާފައިވާ ކަންކަމުގެ ހަބަރުތަކާއި އާއްމުކުރެވޭ އެކިއެކި ލިޔެކިޔުންތަކެވެ.
ހަފުތާއަކު އެއްފަހަރު ނެރޭ މި ނޫސް ރައްޔިތުންނަށް ހިލޭ ބަހާގޮތަށްވެސް ކައުންސިލުން ވަނީ ހަމަޖައްސާފައެވެ.