އިންޑިއާގެ ވިއޯން ނިއުސްއަށް ދިން އިންޓަވިއުއެއްގައި ނަޝީދު ވިދާޅުވީ ކައުންސިލް އިންތިހާބުގައި އެމްޑީޕީގެ ގިނަ މެމްބަރުން ވޯޓުލާން ނުނިކުންނަ ކަމަށެވެ. އަދި އެއީ އެމްޑީޕީގެ އަސާސްތައް ދޫކޮށްލައި ސަރުކާރުގައި ހިމެނޭ މައިނޯރިޓީ ޕާޓީތަކުގެ ވިސްނުމާ އެއްގޮތަށް މަސައްކަތް ކުރުމުން ކަމަށް ނަޝީދު ވިދާޅުވި އެވެ.
"އެމްޑީޕީއަށް ވޯޓު ދޭ ރައްޔިތުން ތިބީ ހިތްހަމަނުޖެހިފައި. ހާއްސަކޮށް މާލޭ ރައްޔިތުން. އަޅުގަނޑު ދެކޭ ގޮތުގައި ސަރުކާރުގެ ވިސްނުން ވަރަށް އަވަހަށް ބަދަލު ކުރަންޖެހޭ"
- މަޖިލިސް ރައީސް މުހައްމަދު ނަޝީދު
އެމްޑީޕީން ގަބޫލުކުރާ މެދު މިނުގެ ދީނީ ވިސްނުމާއި މިނިވަންކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ރުޖޫއަ ވާންޖެހޭ ކަމަށް ނަޝީދު ވިދާޅުވި އެވެ. ނަޝީދު ވިދާޅުވީ ސަރުކާރުގެ ތެރޭގައި ހަރުކަށި ފިކުރުގެ ވިސްނުން ވަރަށް ބޮޑަށް ފެތުރިފައިވާ ކަމަށެވެ. އެގޮތުން ބައެއް މުއައްސަސާތައް ރީފޯމް ކުރަންޖެހޭކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
މީގެ ކުރިން ނެރުނު ބަޔާނެއްގައި ނަޝީދު ވިދާޅުވީ ސަރުކާރަށް ތާއީދު ކުރަން އުނދަގޫވަނީ ނަފުރަތު ހުއްޓުވުމުގެ ބިލު މަޖިލީހަށް ހުށަހެޅުމަށްފަހު އެބިލަށް ތާއީދު ނެތްކަމަށް ސަރުކާރުން ވިދާޅުވުމުންނެވެ. ނަޝީދު ވަނީ ސަރުކާރަށް ކުރާ ތާއީދު އަނބުރާ ގެންނަވައިފާނެ ކަމުގެ އިޝާރާތެއް ދެއްވައިފަ އެވެ.
ނިމިދިޔަ ލޯކަލް ކައުންސިލް އިންތިހާބުގައި މެޖޯރިޓީ އެމްޑީޕީން ނެގިނަމަވެސް ތަފާތު ކުޑަ އެވެ. އަދި މާލެ ސީޓިފަދަ އެމްޑީޕީގެ ތާއީދު އަބަދުވެސް އޮންނަ ބޮޑެތި ދާއިރާތަކުން އިދިކޮޅު ޕީޕީއެމްއިން ކާބިޔާބު ހޯދި އެވެ.