ވެކްސިން ފުރިހަމަނަމަ، ރާއްޖެއިން ބޭރުން އަންނަ ފަތުރުވެރިން ރަށްރަށުގެ ގެސްޓްހައުސްތަކަށް ޗެކް-އިން ވެވޭ ގޮތަށް އުސޫލު ބަދަލުކޮށްފިއެވެ.
އެޗްޕީއޭއިން ބުނީ ޖުލައި 26 ވަނަ ދުވަހުން ފެށިގެން ރާއްޖެއިން ބޭރުން އަންނަ ފަތުރުވެރިން މީހުން ދިރިއުޅޭ
ރަށްރަށުގައި ހުންނަ ގެސްޓްހައުސްތަކަށް ޗެކް -އިން ވާއިރު ވެކްސިންގެ ޑޯޒްތައް ފުރިހަމަކޮށްފައިވާ ފަތުރުވެރިން ނާއެކު ދަތުރުކުރާ ވެކްސިން ނުޖެހޭ އުމުރުގެ ކުޑަކުދިން ނަށް ޗެކް -އިން ވެވޭނެ ކަމަށެވެ.
އަދި WHO އިން އިމަރޖެންސީ ބޭނުމަށް ލިސްޓްކޮށްފައިވާ ކޮވިޑް-19 ގެ ވެކްސިނެއްގެ ޑޯޒްތައް ފުރިހަމަކޮށް 14 ދުވަސް ވެފައި ނުވާ ފަތުރުވެރިން މީހުން ދިރިއުޅޭ ރަށްރަށުގައި ހުންނަ ގެސްޓްހައުސްތަކަށް ޗެކް-އިން ނުވެވޭނެ ކަމަށްވެސް އެޗްޕީއޭއިން ހާމަކުރެއެވެ.
މީގެ އިތުރުން ރާއްޖެއަށް އެތެރެވާއިރު ހަތްދިހަ ދެ ގަޑިއިރު ނުވާ ނެގެޓިވް ޕީސީއާރު ނަތީޖާއެއް އޮތުމާއެކު މީހުން ދިރިއުޅޭ ރަށްރަށުގެ ގެސްޓްހައުސްތަކުން ފަތުރުވެރިން ޗެކް-އައުޓް ވާއިރު ނެގެޓިވް ޕީސީއާރު ނަތީޖާއެއް އޮންނަން ޖެހޭނެ ކަމަށް އެޗްޕީއޭގެ އުސޫލުގައި ބުނެފައިވެއެވެ.
އެޗްޕީއޭގެ އިއުލާނުގައި ބުނެފައިވަނީ ރަށުގައި ދިރިއުޅޭ އާބާދީގެ %60 އަށް ވެކްސިން ޑޯޒްތައް ފުރިހަމަވެފައިވުމާއެކު ރަށުގައި ފަތުރުވެރިން ނަށް ޚިދުމަތްދިނުމުގައި މަސައްކަތްކުރާ ހުރިހާ ފަރާތްތައް ހިމެނޭގޮތަށް %95 މީހުންނަށް ވެކްސިންގެ ޑޯޒްތައް ފުރިހަމަވެފައިވާން ޖެހޭނެ ކަމަށެވެ.
އަދި ރަށުގައި ދިރިއުޅޭ ފަސްދޮޅަސް ފަސް އަހަރުން މަތީގެ އާބާދީގެ %90 މީހުން ވެކްސިން ޑޯޒްތައް ފުރިހަމަ ވެފައިވުމާއެކު ވެކްސިން ޑޯޒް ފުރިހަމަ ވެފައި ކަމަށް ބަލާނީ ވެކްސިން ގެ ޖަހަންޖެހޭ ޑޯޒްތައް ފުރިހަމަ ވުމަށްފަހު 14 ދުވަސް ވުމުން ކަމަށްވެސް ބުނެފައިވެއެވެ.