ކޮވިޑް19 ދިފާއު ވެކްސިންގެ ދެ ޑޯޒް ޖަހާފައިވާނަމަ ރާއްޖެއިން ބޭރުން އަންނަ ދިވެހިންވެސް ކަރަންޓީނުވާން ނުޖެހޭ ގޮތަށް އެޗްޕީއޭއިން ނިންމައިފި އެވެ.
ހެލްތް ޕްރޮޓެކްޝަން އެޖެންސީން ނެރެފައިވާ އިއުލާނެއްގައި ބުނެފައިވަނީ، ޖުލައި 23ވާ ހުކުރު ދުވަހުން ފެށިގެން ރާއްޖެއިން ބޭރުން އަންނަ ދިވެހިންނާއި ވަރކް ޕަރމިޓް ހޯލްޑަރުންނާމެދު ވަކި ގޮތެއް އަންގަންދެން ރާއްޖޭގައި ކޮވިޑް-19 އަށް ޕޮޒިޓިވްވެ ބަލިން ފަސޭހަވެފައިވާ ފަރާތްތކުގެ ތެރެއިން ޕޮޒިޓިވްވި ސާމްޕަލް ނެގި ތާރީހުން ފެށިގެން ފަސްދޮޅަސް ދުވަސް ނުވާ ފަރާތްތަކާއި WHO އިން އިމަރޖެންސީ ބޭނުމަށް ލިސްޓްކޮށްފައިވާ ކޮވިޑް-19 ގެ ވެކްސިނެއްގެ ޑޯޒްތައް ފުރިހަމަކޮށް، ރާއްޖެއަންނަ ދުވަހާ ހަމައަށް ސާދަ ދުވަސް ވެފައިވާ ފަރާތްތައް ކަރަންޓީނު ވާން ނުޖެހޭނެ ކަމަށެވެ.
މި ފަރާތްތަކާއެކުގައި ދަތުރުކުރާ ވެކްސިން ނުޖެހޭ އުމުރުގެ ކުޑަކުދިންވެސް ކަރަންޓީނުވާކަށް ނުޖެހުނު ނަމަވެސް ކޮވިޑް-19 ގެ ވެކްސިން ގެ ޑޯޒްތައް ފުރިހަމަކޮށް 14 ދުވަސް ވެފައިވާ ފަރާތްތަކާއި އެކުގައި ދަތުރުކުރާ ވެކްސިން ނުޖެހޭ އުމުރުގެ ކުޑަކުދިން ރާއްޖެ އެތެރެވާތާ 5-7 ދުވަހުގެ ތެރޭގައި ޕީސީއާރު ޓެސްޓް ހަދަން ޖެހޭނެ ކަމަށެވެ.
އަދި ރާއްޖެއަށް އެތެރެވާއިރު ހަތްދިހަ ދެ ގަޑިއިރު ނުވާ ނެގެޓިވް ޕީސީއާރު ނަތީޖާއެއް އޮންނަން ވާނެ ކަމަށްވެސް އެޗްޕީއޭއިން ހާމަކުރެއެވެ. މި އިއުލާނު ގެ ދަށުން ދަތުރުކުރާ ފަރާތްތައް ދަތުރުކުރަންވާނީ ހާލުބެލުމުގެ ޕޯޓަލްއިން
ދަތުރުކުރުމުގެ ހުއްދަ ދުރާލައި ހޯދައިގެން ކަމަށްވެސް އެޗްޕީއޭއިން ވަނީ ހާމަކޮށްފައެވެ.
މީގެ ކުރިން އެޗްޕީއޭއިން ބުނެފައިވަނީ މިގޮތަށް އަމަލު ކުރާނީ މިމަހުގެ 26 ވަނަ ދުވަހުން ފެށިގެން ކަމަށެވެ. ނަމަވެސް މިއަދު އަނެއްކާވެސް އެޗްޕީއޭއިން ވަނީ ވެކްސިން ފުރިހަމަ ނަމަ ކަރަންޓީނު ވާން ނުޖެހޭނީ މާދަމާއިން ފެށިގެން ކަމަށެވެ.