ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ފުރާނަފުޅު ދުއްވައިލަން ދިން ޓެރަރިސްޓު ހަމަލާގެ ތަހުގީގާއި ގުޅޭގޮތުން ތަހުގީގީ އިދާރާތަކުން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުން އެނގިގެން ދިޔައީ މިސަރުކާރުން ހަރުކަށި ފިކުރު ލުއިކޮށް ނުނަގާނެކަން ކަމަށް ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ވިދާޅުވެއްޖެ އެވެ.
ފުލުހުންނާއި ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ގުޅިގެން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވަނީ ނަޝީދަށް ދިން ހަމަލާއާއި ގުޅޭ ގިނަ މައުލޫމާތުތަކެއް އާންމުކޮށްފަ އެވެ. އަދި ހަމަލާގެ އެންމެ އަޑިއަށް ގޮސް އެކަމުގައި ޝާމިލުވި ގިނަ ބަޔަކު މިހާތަނަށް ހައްޔަރު ކުރިއިރު ދައުވާ ކުރުމުގެ މަސައްކަތް މިހާރު ފަށާފައިވާކަމަށް އިއްޔެ ވަނީ ހާމަކޮށްފަ އެވެ.
އެ ނޫސްވެރިންގެ ބައްދަލުވުމާއި ގުޅިގެން ރޮޒައިނާ މިއަދު ވިދާޅުވީ ފުލުހުންގެ ނޫސްވެރިންގެ ބައްދަލުވުމުން، ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ޓެރަރިޒަމާއި ހަރުކަށި ފިކުރުގެ އަމަލުތައް ލުއިކޮށް ނުނަގާނެކަން ކަށަވަރުވެގެން ހިނގައްޖެ ކަމަށެވެ.
"ކުރިންވެސް ދެންނެވި ފަދައިން މި ސަރުކާރުން ޓެރަރިޒަމާއި، ހަރުކަށި ފިކުރާއި ހައްދު ފަހަނާއަޅާފައިވާ މީހުންނަށް ތާއީދު ނުކުރާނެ. އަބަދުވެސް މަސައްކަތް ކުރާނީ އެކަންކަމާއި ދެކޮޅަށް"
- މެމްބަރު ރޮޒައިނާ އާދަމް
ރާއްޖޭގައި ހަރުކަށި ފިކުރުގެ ނެޓުވޯކު ފުޅާވެ އަނދިރި ދައުލަތެއް އުފެދިފައިވާކަމަށް މީގެ ކުރިން އެމްއެންޑީއެފްއިން ވަނީ ބުނެފަ އެވެ. ދައުލަތެއް އޮންނަކަމަށް ގަބޫލު ނުކުރާ މީހުން ގިނަވެ އަމިއްލައަށް މީހުން ކާފަރުކޮށް ލޭ ހުއްދަކުރުން ފަދަ ބޮޑެތި ކުށްތަކަށް އަރައިގަންނަ މީހުން ގިނަވެފައިވާކަން ވަނީ ފާހަގަކޮށްފަ އެވެ.
އެހެންނަމަވެސް މީގެ ކުޑަ ދުވަސްކޮޅެއް ކުރިން ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވީ އަނދިރި ދައުލަތެއް އޮތްކަމަށް ގަބޫލު ނުކުރެވޭނެ ކަމަށެވެ. އަދި އަފްގާނިސްތާނު ފަދައިން ޓެރަރިސްޓު ޖަމާއަތްތައް އުފެދިދާނެފަދަ ބިރުވެރިކަމެއް އޮތްކަމަށް ގަބޫލު ނުކުރެވޭކަމަށްވެސް އިމްރާން ވިދާޅުވި އެވެ.
އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފުލުހުން ބުނެފައިވަނީ ނަޝީދަށް ހަމަލާ ދިން މީހުން ވަނީ ހަށި ގޮއްވާލައިގެންވެސް ހަމަލާ ދޭން ތައްޔާރުވެފައިކަން ހާމަކޮށްފަ އެވެ. އަދި އެހަމަލާއަށް 2019 ވަނަ އަހަރުން ފެށިގެން ތައްޔާރުވަމުން އަދި ތިން ފަހަރެއްގެ މަތިން އެކަން ކުރަން އުޅެފައިވާކަންވެސް ވަނީ ހާމަވެފަ އެވެ. މިކަން ގުޅެނީ ހަރުކަށި ފިކުރުގެ މީހުންނާ ކަމަށާއި ހަމަލާ ދިނީ ބޮޑު ފަންޑެއް ލިބިގެން ނޫންކަމަށް ބެލެވޭކަމަށްވެސް ފުލުހުން ވަނީ ބުނެފަ އެވެ.