ހަރުކަށި ފިކުރުގެ މީހުންނާއިމެދު ޓެރަރިޒަމް ހުއްޓުވުމުގެ ގާނޫނާއި ފުލުހުންގެ ގާނޫނުގެ ތެރެއިން ފިޔަވަޅު އެޅޭނެ ކަމަށް ކުރީގެ އިސްލާމިކް މިނިސްޓަރ ޑރ މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.
ޑރ ޝަހީމް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ގާނޫނު އަސާސިގެ ބާރު ކަނޑުވާލައި ރާއްޖޭގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކުރަންޖެހޭ ފަދަ ހާލަތެއް އޮތް ކަމަށް ދެކެވަޑައިނުގަންނަވާ ކަމަށެވެ. މިވަގުތަކީ ގާނޫނު އަސާސީ ދަމަހައްޓައި ގާނޫނުތައް ހިންގައި ގައުމީ މަސްލަހަތު އިސްކޮށް ގޮންޖެހުންތަކުން އަރައިގަތުމަށް މަސައްކަތް ކުރަންވީ ވަގުތު ކަމަށް ދެކެވަޑައިގަންނަވާ ކަމަށް ޑރ ޝަހީމް ވިދާޅުވެފައިވެއެވެ.
އަދި ހަރުކަށި ފިކުރުގެ މީހުންނާއިމެދު ޓެރަރިޒަމް ހުއްޓުވުމުގެ ގާނޫނާއި ފުލުހުންގެ ގާނޫނުގެ ތެރެއިން ފިޔަވަޅު އެޅޭނެ ކަމަށާއި ގާނޫނީ ގޮތުން ފުރުސަތު އޮތްވާ ކުއްލި ހާލަތު އިއުލާންކޮށް ގައުމުގެ އިގުތިސާދު ހަލާކުވެ ރައްޔިތުން ބިރުވެރި ހާލަތުހެ ތެރެއަށް ވެއްޓުމުގެ ދޮރު ހުޅުވަން ނުޖެހޭނެ ކަމަށް ޑރ ޝަހީމް ވިދާޅުވެފައިވެއެވެ.
ޑރ ޝަހީމް މިގޮތަށް ޓުވީޓް ކުރައްވާފައި މިވަނީ ޓެރަރިޒަމާ ދެކޮޅަށް ރާއްޖޭގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރަން ގޮވާލާ ގަރާރެއް އެމްޑީޕީގެ ގައުމީ މަޖިލީހުން ރޭ ފާސްކުރުމާ ގުޅިގެންނެވެ. އެމްޑީޕީ ގައުމީ މަޖިލީހުން އެ ގަރާރު ފާސްކޮށްފައިވަނީ 39 މެމްބަރުންގެ ތާއީދާއި އެކު އެވެ. ރޭގެ ގައުމީ މަޖިލީހުގެ ޖަލްސާގައި 41 މެމްބަރަކު ބައިވެރިވި އިރު ވޯޓު ނުދެއްވަނީ އޭގެ ތެރެއިން ދެ މެމްބަރުންނެވެ.