ފުޅާ ދާއިރާއެއްގައި ރާއްޖޭގައި ފެތުރިފައިވާ ހަރުކަށި ފިކުރާއި ޓެރަރިޒަމްގެ އަމަލުތައް ހުއްޓުވުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން އެކަށީގެންވާ މަސައްކަތްތަކެއް ނުކުރާކަމަށް ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީ ވިދާޅުވެއްޖެ އެވެ.
ރާއްޖޭގެ ލޯކަލް ޓީވީ ޗެނަލެއްގެ ޕްރޮގުރާމެއްގައި ވާހަކަ ދައްކަވަމުން އިންތި ވިދާޅުވީ އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުގެ މިވަގުތު ހުންނެވި އެންމެ ބޮޑު ކަންބޮޑުވުމަކީ ޕާޓީގެ އަސާސްތަކާއި ރައްޔިތުންނަށް އެޕާޓީން ވި ވައުދުތައް ނުފުއްދުމުގެ ކަންބޮޑުން ކަމަށެވެ. އަދި އެއީ ރައީސް ނަޝީދު ސަރުކާރާއި ދޭތެރޭގައި ހިންޕުޅާއި ހަމަޖެހިވަޑައިނުގަންނަވާ ސަބަބު ކަމަށްވެސް އިންތި ވިދާޅުވި އެވެ.
އިތުރަށް ތަފްސީލު ކޮށްދެއްވަމުން އިންތި ވިދާޅުވީ އެމްޑީޕީން 2018 ވަނަ އަހަރު ރިޔާސީ އިންތިހާބުގެ ކެމްޕެއިންގައި ވި އެންމެ މުހިންމު ވައުދަކީ ގެއްލުވާލާފައިވާ މީހުންނާއި މަރާލާފައިވާ މީހުންނަށް އިންސާފު ހޯދައިދިނުމުގެ ވައުދު ކަމަށެވެ. ރައީސް ސޯލިހުގެ ދައުރު ދެބައިވެގެން ދާއިރުވެސް އެފަދަ މައްސަލަތަކަށް ވާގޮތް ނޭނގޭކަމަށް ވިދާޅުވެ އިންތި ވަނީ ކަންބޮޑުވުން ފާޅު ކުރައްވައިފަ އެވެ.
"އެނގިވަޑައިގަންނަވާނެ ރިޔާސީ ކޮމިޝަނެއް ހައްދަވާފަ ވެއްޖެ މި މައްސަލަތައް ބަލަން. އެކަމަކު އެކަން ދާ ގޮތެއްވެސް އެހާ ސާފެއް އަޅުގަނޑުމެންނަކަށް ނުވޭތާ ދެއްތޯ"
- މެމްބަރު އިމްތިޔާޒު ފަހުމީ
އިންތި ވިދާޅުވީ ރިޔާސީ ކޮމިޝަނުން ތަހުގީގުތައް ކުރިއަށް ގެންދިޔަ ނަމަވެސް އެކަން ފުރިހަމަވެގެން ގޮސްފައި ނުވާކަމަށެވެ. މީގެ އިތުރުން ހުސްނު ސުއޫދު އިސްކޮށް ހުންނަވައިގެން ރިޔާސީ ކޮމިޝަނުން ނެރުނު ރިޕޯޓެއްގައި ހަރުކަށި ފިކުރު ރާއްޖޭގައި ފެތުރިފައިވާ މިންވަރާއިމެދު ކަންބޮޑުވުން ފާޅުކޮށްފައިވާ ކަމަށާއި އެހެންނަމަވެސް އެކަށީގެންވާ މިންވަރަކަށް ނުވަތަ ބަލައިގަނެވޭ މިންވަރަށް އެކަންކަމާއި ދެކޮޅަށް ސަރުކާރަށް ފިޔަވަޅު އެޅިފައި ނުވާކަމަށް އިންތި ވިދާޅުވި އެވެ.
އިތުރަށް އޭނާ ވިދާޅުވީ މިވަގުތު މަގުމައްޗަށް ނިކުމެ ވާހަކަ ދައްކައިލެވޭ ހަމަ ކޮންމެ އެމްޑީޕީ މެމްބަރެއްގެވެސް ކަންބޮޑުވުމަކީ އެއީކަމަށެވެ. އަދި ރައީސް ނަޝީދުވެސް ފާހަގަ އެކުރައްވަނީ އެކަންކަން ކަމަށް އިންތި ވިދާޅުވި އެވެ. އެހެންނަމަވެސް އެމްޑީޕީގެ ތެރޭގައި ރައީސް ނަޝީދާއި ހިޔާލު ތަފާތުވެގެން މިއުޅުއްވާ މެމްބަރުންނަކީ އެމްޑީޕީގެ އެފަދަ ވައުދުތައް ނުފުއްދިޔަސް އެންމެ ރަނގަޅުކަމަށް ދެކެވަޑައިގަންނަވާ ބޭފުޅުންކަމަށް އިންތި ވިދާޅުވި އެވެ.
އިންތި މިފަދައިން ވިދާޅުވިއިރު މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް އަކީ ރައީސް ނަޝީދާއި ދެކޮޅަށް އެންމެ ބޮޑަށް ވާހަކަފުޅު ދައްކަވާ އެއް ބޭފުޅާ އެވެ. މީގެ ކުރިން ރޮޒައިނާ ޑީއާރުޕީގައި ހުންނަވައި އެމްޑީޕީއާއި ދެކޮޅަށް ގިނަ މަސައްކަތްތަކެއް ކުރެެއްވި އެވެ. އެމްޑީޕީގައި މިހާރު އުފެދިގެން އުޅޭ ބައިބައިވުންތަކުގެ އަސްލަކީ އެހެން ޕާޓީތަކުން އެމްޑީޕީއަށް ވަޑައިގެންނެވި ބޭފުޅުންތޯ އިންތިއާ ސުވާލު ކުރެއްވުމުން އޭނާ ވިދާޅުވީ އެއީ މައްސަލަކަމަށް ދެކެވަޑައިނުގަންނަވާ ކަމަށެވެ. އެހެންނަމަވެސް އެފަދަ ބޭފުޅުންވިޔަސް ނުވަތަ އެނޫން މެމްބަރުން ވިޔަސް އަސާސްތަކާއި ދެކޮޅު ހައްދަވައި އެކަންކަމާ ހިލާފުވާނަމަ މައްސަލައަކަށް ވަނީ އެކަން ކަމަށް އިންތި ވިދާޅުވި އެވެ.
އިންތި ވަނީ ރައީސް ނަޝީދަށް ދިން ހަމަލާއާއި ގުޅިގެންވެސް ސަރުކާރަށް އެކަށީގެންވާ ފިޔަވަޅުތަކެއް އެޅިފައި ނުވާކަން ފާހަގަކުރައްވައިފަ އެވެ. އެގޮތުން ހަމަލާ ދެވުނު ރެއަކީ ރާއްޖޭގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރަންޖެހޭ ރެއެއް ކަމަށާއި އެހެންނަމަވެސް ސަރުކާރުން ޖާގަ ދިނީ މިފަދަ ހަމަލާތަކަށް އިތުރަށް ހިތްވަރުދެވޭފަދަ މޭރުމަކުން ކަމަށް ވިދާޅުވި އެވެ. އެކަށީގެންވާ ފިޔަވަޅުތަކެއް ނޭޅުމުގެ ސަބަބުން ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ޓެރަރިޒަމަށް ހިއްވަރުދޭފަދަ ވާހަކަތައް އެކި ފޯރަމްތަކުގައާއި އެކި ޕްލެޓްފޯމުތަކުގައި މީހުން ދެއްކި ކަމަށް އިންތި ވިދާޅުވި އެވެ.
އިންތި މިފަދައިން މި ފާހަގަކުރެއްވީ ކުރީގެ މަޖިލިސް މެމްބަރު އަލްހާން ފަހުމީ، ރައީސް ނަޝީދަށް ހަމަލާއެއް އަމާޒުވީ އެމަނިކުފާނުގެ އަމަލުތައް ހުންނަވާ ގޮތުންކަމަށް ވިދާޅުވެ ލޯކަލް ޓީވީ ޗެނަލެއްގައި ވާހަކަ ދައްކަވާފައިވަނިކޮށެވެ.
ރޭ އިންތި ވަނީ ނަފުރަތު ހުއްޓުވުމުގެ ގޮތުން ސަރުކާރުން މަޖިލީހަށް ފޮނުވި ބިލު އަންބުރާ ނެންގެވުމާއި ގުޅިގެން އެކަމާއި ފާޅުކުރައްވާ ކަންބޮޑުވުން ތަކުރާރު ކުރައްވައިފަ އެވެ. އެގޮތުން އިސްލާމިކް މިނިސްޓްރީގެ ކޮންޓްރޯލް އަދާލަތު ޕާޓީގައި އޮތްއިރު ބިލު އަނބުރާ ނެންގެވީ އެޕާޓީގެ ނުފޫޒުން ކަމަށް އިންތި ވިދާޅުވި އެވެ. އަދި ބިލު ނެންގެވިއިރު ބަންޑާރަނައިބުގެ ލަފައަކަށްވެސް އަހާފައި ނުވާކަމަށް އިންތި ވިދާޅުވި އެވެ.