މާލޭ ސިޓީގެ ވިލިމާލޭގެ ރައްޔިތުންނަށް ހާއްސަ ޕާކިންގ ޒޯނެއް މާލޭގައި ހަދައިފިއެވެ.
މާލޭ ސިޓީ ކައުންސިލްގެ ފަރާތުން މި ޕާކިންގ ޒޯން ހަދާފައިވަނީ މާލޭގެ ހުޅަނގު ފަރާތުން ސުނާމީ ބިނާ މައިޒާން ކުރިމަތިން ބޮޑުތަކުރުފާނުމަގުގައެވެ. އަލަށް ހުޅުވި މި ޕާކިން ޒޯނުގައި ހަތަރު ފޮރޮޅުލީ 20 އުޅަނދުގެ ޖާގަ ހަދާފައިވާއިރު ޖާގަ ދޫކުރާ ގޮތަށް ސިޓީ ކައުންސިލުން ނިންމާފައިވަނީ ހަމައެކަނި ވިލިމާލެ ރައްޔިތުންނަށެވެ. އެގޮތުން މި 20 ޖާގަ ދޫކުރާނީ ވިލިމާލޭގެ ރަށްވެހިންގެ ގޮތުގައި ރަށްވެހިވެފައިވާ ފަރާތްތަކުގެތެރެއިން ހަތަރު ފުރޮޅުލީ އުޅަނދުފަހަރު ގެންގުޅޭ ފަރާތްތަކަށް 15 ޖާގަ އަދި ބާކީ 5 ޖާގަ ދޫކުރާނީ ވިލިމާލޭގައި ދިރިއުޅޭ ފަރާތްތަކުގެތެރެއިން ހަތަރު ފުރޮޅުލީ އުޅަނދު ދުއްވާ ފަރާތްތަކަށެވެ.
ސިޓީ ކައުންސިލުން ބުނީ މިތަނުން ޖާގަ ދޫކުރަން ވަރަށް އަވަހަށް ފަށާނެ ކަމަށާއި ޖާގަ ދޫކުރުމުގައި އަމަލުކުރާނީ ސިޓީ ކައުންސިލްގެ ޕާކިންގ ޒޯންތަކުން ޖާގަ ދޫކުރާ އުސޫލަށް ކަމަށެވެ.
މި ޕާކިން ޒޯން ހާއްސަކޮށްފައިވަނީ 350 ކިލޯއިން ދަށުގެ ޕިކަޕާއި ކާރުގެ އިތުރުން ވޭނަށެވެ.
މާލޭ ސިޓީ ކައުންސިލްގެ ޕާކިންގް ޒޯންތަކުން މިހާރު ޖާގަ ދޫކުރުމުގައި ކައުންސިލުން ނިންމާފައިވަނީ ޓެކްސީ ބޯޑްޖެހި ކާރަށާއި ޕިކަޕަށް މަހަކު 750.00 ރުފިޔާ ނެގުމަށެވެ. އެހެނިހެން އުޅަނދުތަކަށް މަހަކު 1500.00 ރުފިޔާނެގުމަށެވެ. އެހެންނަމަވެސް މި ދުވަސްވަރަކީ ކޮވިޑް – 19 ގެ ހާލަތުގެ ދުވަސްވަރު ކަމުން މި ޙާލަތު ބަދަލުވެއްޖެކަމަށް ކައުންސިލުން ކަނޑައަޅަންދެން މިފަދަ އުޅަނދުފަހަރަށް ނަގާނީ މަހަކު 1000.00 ރުފިޔާއެވެ.