ކޮވިޑް-19 ދިފާއު ވެކްސިން ނުޖަހާ ފަރާތްތަކުން އާއިލާއަށާއި މުޅި މުޖުތަމައު އަށްޓަކައި ވެކްސިން ފުރިހަމަކުރުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު އެދިލައްވައިފި އެވެ.
ރާއްޖޭގައި ކޮވިޑާއި ދެކޮޅަށް ދެމުން އައި ވެކްސިން ހުސްވުމާއި ގުޅިގެން ދިގު މުއްދަތަކަށް ވެކްސިން ޖެހުން މެދުކަނޑައިލި އެވެ. އެހެންނަމަވެސް ހެޔޮ އެދޭ ފަރާތަކުން ކޮވިޝީލްޑް ވެކްސިން ހަދިޔާ ކުރުމާއިއެކު އަނެއްކާވެސް ވެކްސިން ދޭން ފެށި އެވެ. އޭގެ ފަހުން ސަރުކާރުން ފައިސާ ދެއްކި އެސްޓްރެޒެނިކާ ވެކްސިންވެސް ލިބި ރާއްޖޭގެ މުޅި އާބާދީއަށް ބޭނުންވާ ވަރަށް ވެކްސިން ލިބިފައިވާކަމަށް ސަރުކާރުން ބުންޏެވެ. މިއާއިއެކު ވެކްސިން ޖެހުމުގެ ހާއްސަ ކެމްޕެއިނެއް ވަނީ ފަށައިފަ އެވެ.
ރައީސް ސޯލިހު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މަސް ތަކަކަށްފަހު ކޮވިޑް-19 ގެ އުނދަގޫ ތަހައްމަލު ކުރަން ޖެހުމަށްފަހު ވެކްސިން ލިބިފައިވާ ކަމަށާާއި އާންމު ހާލަތަށް ރުޖޫއަ ވުމުގެ އުއްމީދު އާވެފައިވާ ކަމަށެވެ.
ރައީސް ވިދާޅުވީ މަސައްކަތުގެ މާހައުލުގައާއި، ވިޔަފާރިތަކަށާއި އަދި އާއިލާއާއި ރަހުމަތްތެރިންނާއިއެކު ވަގުތު ހޭދަކުރުމަށްވެސް އާންމު ހާލަތަށް ރުޖޫއަ ވެވޭ މަންޒަރު ފެންނަ ކަމަށެވެ.
"ވެކްސިން ނުޖަހާނަމަ އަވަހަށް ވެކްސިން ފުރިހަމަ ކުރައްވާ. އާއިލާއަށާއި މުޅި މުޖުތަމައުއަށްޓަކައި މިކަން ކުރައްވާ"
- ރައީސް އިބްރާހިމް މުހައްމަދު ސޯލިހު
ގިނަ ދުވަސްތަކަކަށްފަހު މާލޭގައި ކޮވިޑް ދިފާއު ވެކްސިން ޖެހުމުގެ ޕްރޮގުރާމު މިއަދު ވަނީ ފަށައިފަ އެވެ. އެގޮތުން ހެނދުނު 9 އިން ފެށިގެން މާލެ ސަރަހައްދުގެ 6 ސެންޓަރެއްގައި ވެކްސިން ދޭން ފަށާފައިވާއިރު ދެން ޖަހާނީ އެސްޓްރެޒެނިކާ ވެކްސިނެވެ. މި ވެކްސިނުން ފުރަތަމަ އަދި ދެވަނަ ޑޯޒް ވެސް ޖެހޭނެ އެވެ. ކުރިން ކޮވިޝީލްޑް ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި ފަރާތްތަކަށްވެސް އެސްޓްރެޒެނިކާ ވެކްސިނުން ދެވަނަ ޑޯޒް ފުރިހަމަ ކުރެވޭނެ އެވެ.
މާލެ ސަރަހައްދުގައި ވެކްސިން ޖަހަން މިއަދު ފެށިއިރު މިދިޔަ ބުރާސްފަތި ދުވަހު އަތޮޅު ތެރޭގައި ވަނީ އެސްޓްރެޒެނިކާ ވެކްސިން ޖަހަން ފަށައިފަ އެވެ. މާލެ ސަރަހައްދުގައި ވެކްސިން ޖަހަން ޖެހެނީ އެޕޮއިންޓްމެންޓު ހައްދާށެވެ. އެއީ ކިއުގައި މީހުން ތޮއްޖެހުން ކުޑަކުރުމަށެވެ. އެޕޮއިންޓްމެންޓު ހައްދަން ޖެހެނީ book.hpa.gov.mv އިންނެވެ.
އަތޮޅު ތެރޭގައި ވެކްސިން ޖަހަން އެޕޮއިންޓްމެންޓު ހައްދާކަށް ނުޖެހޭނެ އެވެ. ސަރުކާރުގެ އަމާޒަކީ މާދަމާ ފެށޭ އޮގަސްޓު މަސް ނިމުމުގެ ކުރިން ރާއްޖޭގެ އާބާދީގެ އެންމެ މަދުވެގެން 90 އިންސައްތަ މީހުންނަށް ވެކްސިން ދިނުމެވެ.