ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ދުބާއީއަށް ކުރެއްވި ނުރަސްމީ ދަތުރުފުޅަށްފަހު މިއަދު މާލެ ވަޑައިގެންފި އެވެ.
ރައީސް އޮފީހުން ބުނީ އެމަނިކުފާނު މާލެ ވަޑައިގެންނެވީ މިއަދު މެންދުރު ފަހުގެ ވަގުތެއްގައި ކަމަށެވެ.
ތިން ދުވަހު ދުބާއީގައި ހޭދަކުރެއްވުމަށްފަހު މިއަދު ރައީސް ސޯލިހު މާލެ ވަޑައިގެންނެވިއިރު މިއީ މި މަހުގެ ތެރޭގައި ނުރަސްމީ ދަތުރުފުޅެއްގައި ރާއްޖެއިން ބޭރަށް އެމަނިކުފާނު ވަޑައިގެންނެވި ތިންވަނަ ފަހަރެވެ. މީގެ ކުރިން ދުބާއީއަށް އެއްފަހަރު އަދި ލައްކާއަށް އެއްފަހަރު ވަޑައިގެންނެވި އެވެ.
މިމަހުގެ 20 ވަނަ ދުވަހު ލަންކާއަށް ވަޑައިގެންނެވި ދަތުރުފުޅަށްފަހު ރައީސް މާލެ ވަޑައިގެންނެވީ މިނިވަން ދުވަހުގެ މުނާސަބަތަށެވެ. އެ ދަތުރުފުޅާއި ގުޅޭގޮތުން ރައީސް އޮފީހުގެ ތަރުޖަމާނު މަބުރޫކު އަޒީޒު ވިދާޅުވީ ލަންކާއަށް ވަޑައިގެންނެވީ ރައީސް އާއިލާއާއި އެކު ޗުއްޓީ ހޭދަކޮށްލެއްވުމަށް ކަމަށެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހަކީ ވެރިކަމަށް ވަަޑައިގެންނެވުމުގެ ކުރިންވެސް އާއިލާއާއިއެކު އާންމުކޮށްވެސް ބޭރަށް ވަޑައިގަންނަވާ ބޭފުޅެކެވެ. އެމަނިކުފާނު ދެއްވި އިންޓަވިއުއެއްގައި މީގެ ކުރިން ވިދާޅުވީ ރާއްޖެއިން ބޭރަށް ވަޑައިގެން ފޮޓޯ ނެންގެވުމަކީ އެމަނިކުފާނު ހިތްޕުޅާ ވާ ކަމެއްކަމަށެވެ.