ސެޕްޓެމްބަރު މަހުން ފެށިގެން ސުކޫލްތަކަށް ވަދެވޭނީ ވެކްސިން ފުރިހަަމަކޮށްފައި ތިބޭ މީހުންނަށް ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ނިންމައިފިއެވެ.
އެޑިއުކޭޝަން މިނިސްޓްރީން މިއަދު އާއްމު ކުރި އިއުލާނެއްގައި ބުނެފައިވަނީ ދަރިވަރުންގެ ކިޔެވުން ހުއްޓުމެއް ނެތި ކުރިއަށް ގެންދިއުމަށާއި، ކޮވިޑް19 އިން ރައްކާތެރިވުމަށް ސުކޫލްތަކުގައި އަޅާފައިވާ ފިޔަވަޅުތައް އިތުރަށް ހަރުދަނާ ކުރުމުގެ ގޮތުން 1 ސެޕްޓެމްބަރުން ފެށިގެން ސުކޫލްތަކަށް ވަދެ ނިކުމެވޭނީ ކޮވިޑް19 އިން ރައްކާތެރިވުމަށް ރާއްޖޭގައި ދެވޭ ވެކްސިންގެ ޑޯޒްތައް ފުރިހަމަކޮށްފައިވާ ފަރާތްތަކަށް އެކަނި ކަމަށެވެ.
އެހެންކަމުން ދަރިވަރުންގެ ރައްކާތެރި ކަމަށްޓަކައި ހުރިހާ ފަރާތްތަކުންވެސް ވެކްސިންގެ ޑޯޒްތައް ވީހާވެސް އަވަހަށް ފުރިހަމަ ކުރުމަށް އެޑިއުކޭޝަން މިނިސްޓްރީން ވަނީ އިލްތިމާސްކޮށްފައެވެ.
އެ މިނިސްޓްރީން ބުނީ މި އިއުލާނުގައި ބަޔާންކޮށްފައިވާ 'ވެކްސިން ޖަހައިގެން ސްކޫލްތަކަށް ވަންނަން ހުއްދަ ދެވޭ ފަރާތްތަކުގެ' ތެރޭގައި ހިމެނެނީ، ދިވެހިރާއްޖޭގައި ހިންގާ ކޮވިޑް19 ވެކްސިން ޕްރޮގްރާމްގެ ތެރެއިން ވެކްސިން ޖެހޭ އުމުރުފުރައިގެ ފަރާތްތައް އެކަންނި ކަމަށެވެ. އަދި ދަރިވަރުން މި ކެޓެގެރީން އިސްތިސްނާވާނެ ކަމަށްވެސް މިނިސްޓްރީން ވަނީ ހާމަކޮށްފައެވެ.