ކުދިން ސުކޫލްތަކަށް ހާޒިރުކޮށްގެން ދިރާސި އަހަރުގެ ކިޔެވުން ފަށަށް މިނިސްޓްރީ އޮފް އެޑިއުކޭޝަނުން ނިންމައިފިއެވެ.
އެމިނިސްޓްރީން ނެރުނު ސާރކިއުލާއެއްގައި ބުނެފައިވަނީ، މިމަހުގެ 10 ވަނަ ދުވަހު ދިރާސީ އަަހަރުގެ ކިޔެވުން ފަށަށް ނިންމާފައިވަނީ ދަރިވަރުން ސުކޫލްތަކަށް ހާޒިރުކޮށްގެން ކަމަށެވެ. އަދި ދިރާސީ އަހަރުގެ ކިޔެވުން ފެށުމަށް ސުކޫލްތަށް ހުޅުވާލާއިރު އެންމެހާ ފަރާތްތަކުންވެސް ހެލްތް ޕްރޮޓެކްޝަން އެޖެންސީ އާއި މިނިސްޓްރީ އޮފް އެޑިއުކޭޝަނުގެ ދަރިވަރުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ހަދާފައިވާ ގަވާއިދުތަކަށް އަމަލު ކުރަންވާނެ ކަމަށެވެ.
އެގޮތުން ސްކޫލްތަކުގެ ދަންފަޅި ކުރިއަށް ގެންދާނީ އާއްމު ހާލަތުގައި އޮންނަ ވަރަށް ނަމަވެސް ފުރަތަމަ ދެ ހަފްތާގާއި މާލެ ސަރަހައްދުގައި ދަރިވަރުން ސްކޫލަށް ހާޒިރުވާން ޖެހޭނީ އެކި ގްރޭޑްތަކުގެ ދަރިވަރުން އެކި ގަޑިތަކުގައި ކަމަށެވެ. މީގެ އިތުރުންވެސް ކުދިން ކިޔަވާ ކްލާސްރޫމްތަކުގައި ވައިދައުރުވާނޭ ފަދައިން ހުރިހާ ވަގުތެއްގައި ވެސް ދޮރުތައް ހުޅުވާފައި ބެހެއްޓުމަށާއި ކްލާސްރޫމް ތަރުތީބު ކުރާއިރު އަދި ކިޔަވައިދޭ ވަގުތު ވެސް ގައިދުރުކަން ބެހެއްޓުމަށް މިނިސްޓްރީގެ ސާކިއުލާގައި ބުނެފައި ވެއެވެ.
އަދި ހާއްސަކޮށް މި މަހުގެ ތެރޭގައި ރާއްޖެއިން ބޭރަށް ދަތުރުކޮށްފައި އަންނަ ދަރިވަރުންނާއި ޓީޗަރުން، 7-5 ދުވަސް ތެރޭގައި ޕީސީއާރް ޓެސްޓް ހަދައި، ނަތީޖާ ނެގެޓިވްކަން ކަށަވަރު ކުރަން ޖެހެއެވެ. އަދި މިފަހުން މޮނިޓަރިންގައި އޮތް ރަށަކަށް ދަތުރުކޮށްފައި ވާ ދަރިވަރެއް ނުވަތަ ޓީޗަރެއް ނަމަ 7-5 ދުވަސް ތެރޭގައި ނެގެޓިވް ޕީސީއާރް ނަތީޖާއެއް އޮންނަން ޖެހެއެވެ.