ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ޓެރަރިސްޓު ހަމަލާއާއި ގުޅިގެން ހައްޔަރު ކުރި 10 މީހުންގެ ތެރެއިން ހަތަރު މީހެއްގެ މައްޗަށް ޕްރޮސެކިއުޓާ ޖެނެރަލް އޮފީހުން ކޯޓުގައި ދައުވާ އުފުލައިފި އެވެ.
މޭ ހައެއްގެ ހަމަލާއާއި ގުޅިގެން އެކަކާއިއެކު ދައުލަތުން ވަނީ އިއުތިރާފު އެއްބަސްވުމެއް ހަދައިފަ އެވެ. އެއީ ބޮން ގޮއްވައިލި ރިމޯޓު ކޮންޓްރޯލް ކުރި އަދުހަމް އަހުމަދު އެވެ. އޭނާގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާތައް ސާބިތުވެއްޖެނަމަ 40 އަހަރުގެ ޖަލު ހުކުމެއް އަންނާނެ އެވެ. އެހެންނަމަވެސް އިއުތިރާފު އެއްބަސްވުމާއިއެކު އަދުހަމްއަށް އަންނާނީ 23 އަހަރުގެ ޖަލު ހުކުމެކެވެ.
ބޮން ގޮއްވައިލި އަދުހަމް ކުށަށް އިއުތިރާފުވެ، 23 އަހަރުގެ ހުކުމަކަށް އެއްބަސްވެއްޖެ
މިއަދު ދައުވާކުރަން ދެން ފޮނުވީ މއ. ފޭރުގޭ މުޖާޒް އަހުމަދާއި ގއ. ކޮނޑޭ، ފޮޅޭމާ ތަހުމީން އަހުމަދު އަދި ނ. މަދަނޫ ނޫރީގެ އަލީ ހައިޝަމްގެ މައްޗަށެވެ.
މިއަދު އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި ޕީޖީ ހުސައިން ޝަމީމް ވިދާޅުވީ މުޖާޒުގެ މައްޗަށް ދައުލަތުން ކުރަނީ ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ރޭވުމާއި ކުށެއްކޮށްފައިވާ މީހަކު ފިލުވުމަށް އެހީތެރިވެދިނުމުގެ ދައުވާ ކަމަށެވެ. މި ދެދައުވާ ސާބިތުވެއްޖެ ނަމަ ގިނަވެގެން 21 އަހަރުގެ ޖަލު ހުކުމެއް އަންނާނެ އެވެ.
މީގެ އިތުރުން ތަހުމީނުގެ މައްޗަށް ކުރަނީ ޓެރަރިޒަމްގެ އަމަލެއް ކުރުމުގައި ބައިވެރިވުމުގެ ދައުވާއާއި ގޮވާތަކެތި އެހެން ތަނަކަށް ގެންދިއުމަށް އެހީތެރިވެދިނުމުގެ ދައުވާގެ އިތުރުން ޓެރަރިސްޓް ޖަމާއަތަކަށް ތާއިދުކުރުމުގެ ދައުވާ އެވެ. މިތިން ދައުވާ ސާބިތުވެއްޖެ ނަމަ ތަހުމީނަށް އެންމެ ގިނަ ވެގެން 35 އަހަރުގެ ޖަލު ހުކުމެއް އަންނާނެ އެވެ.
މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ޕީޖީ ވިދާޅުވީ ހައިޝަމްގެ މައްޗަށް ދައުލަތުން ކުރަނީ ރިޒަމްގެ އަމަލެއް ކުރުމަށް ރޭވުމާއި ގޮވާ ތަކެތި އެހެން ތަނަކަށް ގެންދިއުމަށް އެހީތެރިވެދިނުމާއި ޓެރަރިޒަމްގެ އަމަލެއް ހިންގުމުގައި ބައިވެރިވުމުގެ ދައުވާ ކަމަށެވެ. މި ތިން ދައުވާ ސާބިތުވެއްޖެނަމަ ހައިޝަމްއަށްވެސް އެންމެ މަދުވެގެން 35 އަހަރުގެ ޖަލު ހުކުމެއް އަންނާނެ އެވެ.
އަދުހަމް އާއިއެކު ދައުލަތުން އިއުތިރާފު އެއްބަސްވުމެއް ހެދިއިރު ދައުވާ ކުރި އިތުރު މީހުންވެސް އިއުތިރާފު އެއްބަސްވުން ހަދަން ޝައުގުވެރިކަން ފާޅުކޮށްފައިވާ ކަމަށް ޝަމީމް ވިދާޅުވި އެވެ. އެކަމުގެ މަޝްވަރާތައް ކުރިއަށް ދާކަމަށާއި ޖިނާއީ އިޖުރާއަތުގެ ގާނޫނު އޮންނަ ގޮތުން ޝަރީއަތް ފެށުމުގެ ކުރިން އެއްބަސްވުން ހެދުމުގެ ފުރުސަތު އެންމެންނަށްވެސް އޮންނާނެ ކަމަށް ޝަމީމް ވިދާޅުވި އެވެ.