ސަލާމަތީ ހިދުމަތްތަކުގެ ސެކިއުރިޓީ ބްރީޗުވި ގޮތާއި ގުޅިގެން ރައްޔިތުންގެ މަޖިލީހުން ހިންގި އިންކުއަރީގެ ރިޕޯޓު ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް އަރުވާފައިވާއިރު އެ ރިޕޯޓާއިމެދު ސަރުކާރުން އަމަލު ކުރާނެ ގޮތެއް އެނގިގެން ނޫނީ ރައީސް ނަޝީދު މާލެ ވަޑައިގަންނަވަން ބޭނުންފުޅު ނުވާކަމަށް އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފު ވިދާޅުވެއްޖެ އެވެ.
ހަސަން ލަތީފު މިފަދައިން ވިދާޅުވުމުން ރައީސް ނަޝީދުވެސް ވަނީ އެކަމަށް އެއްބަސްވެ ވަޑައިގެން އެކަމާއި ވިސްނަވާނެކަމަށް ވިދާޅުވެފަ އެވެ.
ހަސަން ލަތީފު ވިދާޅުވީ އިންކުއަރީގައި ރިކޮމެންޑޭޝަންތަކަށް އަމަލު ކުރަން ރާވާފައިވާ ގޮތް އެނުމުން ނޫނީ ރައީސް ނަޝީދު އެނބުރި ރާއްޖެ ވަޑައިގެންނެވުމަކީ އެދޭނެ ކަމެއް ނޫންކަމަށެވެ. އަދި އެކަމަށް ރުހެވެން ނެތް ކަމަށްވެސް ވިދާޅުވި އެވެ.
"ބޮން ގޮއްވައިލުމުގެ ކުރިން ސަރުކާރަށް އެނގިފައި ހުރި ކަންކަމަށް އަމަލުކޮށްފައި ހުރި ގޮތުން މިގޮތަށް ދަންނަވަން ޖެހުނީ"
- ހަސަން ލަތީފު
ހަސަން ލަތީފުގެ ވާހަކައާއި ގުޅުވައި ރައީސް ނަޝީދު ވިދާޅުވީ އެމްޑީޕީގެ ޗެއާޕާސަން ދެކެވަޑައިގަންނަވާ ގޮތް އެއީ އަބަދުވެސް އެމަނިކުފާނު ވިސްނަވާނެ ކަމެއް ކަަމަށެވެ. އަދި ދެކެވަޑައިގަންނަވާ ގޮތުގައި ސަރުކާރުންވެސް އެމްޑީޕީ ދެކޭ ގޮތާއިމެދު ވިސްނަވާނެ ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ.
އިންކުއަރީ ރިޕޯޓު ރައީސް ސޯލިހަށް އެރުވުމުން އެމަނިކުފާނު ވިދާޅުވީ އެ ރިޕޯޓުގައި ފާހަގަކުރި ކަންކަން އިސްލާހު ކުރައްވާނެ ކަމަށެވެ. އެހެންނަމަވެސް ރިޕޯޓާއި ގުޅިގެން އެއްވެސް ފިޔަވަޅެއް އެޅިކަމެއް މިހާތަނަށް އެނގިފައެއް ނުވެ އެވެ.
ރައީސް ނަޝީދު މާލެ ވަޑައިގަންނަވާނެ ކަމަށް ވިދާޅުވަނީ އަންނަ ސެޕްޓެމްބަރު މަހުގެ ތެރޭގަ އެވެ. އެމަނިކުފާނު ވިދާޅުވީ ރާއްޖެ ވަޑައިގަންނަވާއިރު އަދިވެސް ފުރާނަފުޅު ދުއްވައިލުމުގެ މަސައްކަތް ކުރާނެ ކަމަށް ގަބޫލު ކުރެވޭ ކަމަށެވެ. އެފަދަ މީހުން އަދިވެސް ތިބޭނެ ކަމަށް ބެލެވޭކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ.
ރައީސް ނަޝީދު މާލެ ވަޑައިގެންނެވުމުގެ ކުރިން އެމަނިކުފާނު ދިރިއުޅުއްވާނެ ރަސްމީ ގެކޮޅެއް ވަގުތީ ގޮތުން ހަމަޖެއްސުމުގެ މަސައްކަތް ސަރުކާރުން ފަށާފައިވާއިރު އެފަދަ ގެއެއް މާލެއިން ހޯދާފައިވާކަމަށް މައުލޫމާތު ލިބެ އެވެ. އެހެންނަަމަވެސް ސަރުކާރުން ނުވަތަ މަޖިލީހުން ރަސްމީކޮށް އެކަން އިއުލާނެއް ނުކުރެ އެވެ.