އައްޑޫ ސިޓީގައި ހިންގާ ތަރައްގީގެ މަޝްރޫއުތަކާއި ގުޅޭގޮތުން ސިޓީ ކައުންސިލްގެ ހުރި ކަންބޮޑުވުންތައް ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ހިއްސާ ކުރައްވައިފި އެވެ.
މި މަޝްވަރާ ބައްދަލުވުން އޮތީ ވާޗުއަލްކޮށެވެ. މިބައްދަލުވުމުގައި އައްޑޫ ސިޓީ ކައުންސިލްގެ މެމްބަރުން ބައިވެރިވެލެއްވި އެވެ. ސިޓީކައުންސިލުން ވަނީ ސަރުކާރުން އައްޑޫގައި ގިނަ މަސައްކަތްތަކެއް ފަށައިގެން ކުރިޔަށްގެންދާތީ އެކަން ޝުކުރުވެރިކަމާއެކު ފާހަގަކުރައްވާފަ އެވެ. އޭގެ އިތުރުން ޞިއްހީ ޚިދުމަތާއި މަގުހެދުން ބަނދަރު ހެދުންފަދަ ތަރައްޤީއާ ގުޅިފައިވާ މަޝްރޫއުތަކާއި އަދި ސިޓީގެ އިޖްތިމާއީ ކުރިއެރުމަށް ބޭނުންވާ އެކި ޚިދުމަތްތަކުގެ ފެންވަރު މަތިކުރުމާއި ގުޅޭގޮތުންނާއި އެކި މަޝްރޫޢުތަކާއި ޚިދުމަތްތަކާއި ގުޅިގެން ހުރި ކަންބޮޑުވުންތައް ވެސް ކައުންސިލަރުން ރައީސުލްޖުމްހޫރިއްޔާއާ ޙިއްޞާކުރެއްވި އެވެ.
އައްޑޫ ސިޓީގެ މޭޔަރު ވިދާޅުވީ ސަރުކާރުން މިވަގުތު އައްޑޫ ސިޓީގައި 60 އަށްވުރެއް ގިނަ ޕީއެސްއައިޕީ މަޝްރޫއު ކުރިއަށް ގެންދާކަމަށެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ އައްޑޫސިޓީއަކީ އާބާދީ ބޮޑު ސަރަހައްދަކަށްވާތީ ސަރުކާރުން އެ ސިޓީއަށް ޚާއްޞަ ސަމާލުކަމެއް ދެއްވައިގެން ތަރައްޤީގެ މަޝްރޫއުތައް ހުއްޓުމެއްނެތި ކުރިޔަށްގެންދެވޭނެ އިންތިޒާމުތައް ފަހިކޮށްދެއްވާނެކަމުގެ ޔަޤީންކަން އައްޑޫ ސިޓީ ކައުންސިލަށް ދެއްވާފަ އެވެ. އެގޮތުން މަގުހެދުމާއި ނަރުދަމާ ނިޒާމާއި އަދި ވިޔަފާރި ބަދަރާއި ޞިއްހީ ދާއިރާއާއި ބޯހިޔާވަހިކަމުގެ ދާއިރާއާއި ތައުލީމީ ދާއިރާއާ އަދި މި ނޫންވެސް ސިޓީގެ އިޤްތިޞާދީ އިޖްތިމާޢީ ހާލަތު ރަނގަޅުކުރުމުގެ ގޮތުން ސިޓީ ކައުންސިލުން ފާހަގަކުރެއްވި ކަންބޮޑުވުންތަކަށް ސަރުކާރުގެ ކަމާބެހޭ އިދާރާތައް ގުޅިގެން ޙައްލު ހޯއްދަވައިދެއްވަން މަސައްކަތްކުރައްވާނެ ކަމުގައި އެމަނިކުފާނު ވިދާޅުވި އެވެ.
ޚާއްޞަގޮތެއްގައި ލާމަރުކަޒީ ޤާނޫނުގެ ދަށުން ގިނަ ކަންކަން ކުރިޔަށްގެންދިއުމުގެ ޒިންމާ ސިޓީ ކައުންސިލަށް އޮތްނަމަވެސް އެކަންކަން ކުރިޔަށްގެންދިއުމުގައި ސިޓީ ކައުންސިލަށް ބޭނުންވާ އެހީތެރިކަމާ އެއްބާރުލުން ސަރުކާރުގެ އިދާރާތަކުން ލިބޭނެ މަގުފަހިކޮށްދެއްވާނެ ކަމުގައި ވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި އެވެ.