ކޮވެކްސް ފެސިލިޓީ މެދުވެރިކޮށް، ޔުނައިޓެޑް ސްޓޭޓްސް އޮފް އެމެރިކާގެ ސަރުކާރުން އެއްލައްކަ އަށާވީސް ހާސް ހަތް ސަތޭކަ ޑޯޒްގެ ފައިޒާ ކޮވިޑް-19 ވެކްސިން ދިވެހިރާއްޖެއަށް ހަދިޔާކޮށްފިއެވެ.
ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓްގައި މިއަދު މެންދުރު އޮތް ރަސްމިއްޔާތުގައި، ދިވެހި ސަރުކާރުގެ ފަރާތުން ވެކްސިންއާ ހަވާލުވެވަޑައިގަތީ މިނިސްޓަރ އޮފް ހެލްތު، އަހުމަދު ނަސީމް އެވެ. މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ނަސީމް ވަނީ، މުޅި ދުނިޔޭގެ އާބާދީއަށް ވެކްސިން ފޯރުކޮށްދިނުމަށް އެމެރިކާއިން އިސްނަގައިގެން ކުރަމުންދާ މަސައްކަތަށް ތަޢުރީފުކުރައްވައި، އެމެރިކާއިން ވެކްސިން އެންމެ ފުރަތަމަ ފޮނުވާ ޤައުމުތަކުގެ ތެރޭގައި ދިވެހިރާއްޖެ ހިމެނުއްވީތީ އެމެރިކާ ސަރުކާރަށް ޝުކުރު އަދާކުރައްވާފައެވެ.
އަދި ފައިޒާ ވެކްސިން ލިބުމުން، އުމުރުން 12 އަހަރާއި 18 އަހަރާ ދެމެދުގެ ކުޑަކުދިންނަށް ވެކްސިން ދޭން ފެށޭނެކަން މިނިސްޓަރ ނަސީމް ފާހަގަކުރެއްވިއެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން، އެމެރިކާއިން ދިވެހިރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު، އެލައިނާ ޓެޕްލިޓްޒް ވަނީ ދިވެހި ސަރުކާރާ އެމެރިކާ ސަރުކާރާ ދެމެދު އޮންނަ ގުޅުން އިތުރަށް ހަރުދަނާކޮށް، ދެޤައުމު ގުޅިގެން އިތުރު މަސައްކަތްތައް ކުރައްވާނެކަމުގެ ޔަޤީންކަން ދެއްވާފައެވެ.
ކޮވިޑް-19 އާ ގުޅިގެން އެމެރިކާ ސަރުކާރުން މިހާތަނަށް ދިވެހިރާއްޖެއަށް 5.4 މިލިއަން އެމެރިކާ ޑޮލަރުގެ އެހީތެރިކަން ފޯރުކޮށްދެއްވާފައިވެއެވެ. އެގޮތުން 2 މިލިއަން އެމެރިކާ ޑޮލަރުގެ ހިލޭ އެހީއާއި، އެކި ފަހަރު މަތިން ގިނަ އަދަދެއްގެ ޕީ.ޕީ.އީ (ޕަރސަނަލް ޕްރޮޓެކްޓިވް އިކުއިޕްމަންޓް) އާއި ޕީ.ސީ.އާރް މެޝިނާއި، ވެންޓިލޭޓަރުގެ އިތުރުން ބޭނުންވާ އެހެނިހެން މެޑިކަލް ސާމާނު ފޯރުކޮށްދީފައިވެއެވެ. އަދި އައި.އޭ.އީ.އޭ އާއި ޔުނިސެފް ފަދަ މަލްޓިލޭޓަރަލް އެޖެންސީތައް މެދުވެރިކޮށްވެސް އެހީ ފޯރުކޮށްދީފައިވެއެވެ.