އަންނަ އަހަރުގެ ބަޖެޓުގައި ހިމަނައިގެން ރާއްޖޭގައި މަސައްކަތް ކުރާ ޓީޗަރުންގެ މުސާރަ ބޮޑުކުރުމުގެ މަސައްކަތް ކުރަމުން ދާކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.
ރައީސް ސޯލިހު މިފަދައިން ވިދާޅުވީ ދިރާސީ އާ އަހަރު ފެށޭ މުނާސަބަތުގައި ރެހެންދި ސްކޫލުގައި މިއަދު ބޭއްވި ހާއްސަ އެސެމްބްލީގައި ބައިވެރިވެވަޑައިގެން ވާހަކަފުޅު ދައްކަވަމުންނެވެ. މުސާރަ ބޮޑު ކުރަން ސަރުކާރުން މަސައްކަތް ކުރަމުންދާކަމަށް ވިދާޅުވި ނަމަވެސް އެކަމުގެ އިތުރު ތަފްސީލެއް ރައީސް ނުދެއްވަ އެވެ.
އެހެންނަމަވެސް ރައީސް ވިދާޅުވީ ޓީޗަރުން ލިބުން ދަތި ބައެއް މާއްދާތައް ކިޔަވައިދިނުމަށްޓަކައި އަމިއްލަ ރަށް ނޫން އެހެން ރަށްރަށުގައި ވަޒީފާ އަދާކުރާ ދިވެހި ޓީޗަރުންނަށް އެފަދަ މާއްދާތައް ކިޔަވައިދިނުމުގެ ފުރުސަތު ތަނަވަސްކޮށްދީ އެކަމަށްޓަކައި ލިބެންޖެހޭ އިނާޔަތްތައްވެސް ހަމަޖައްސައިދެއްވާނެ ކަމަށެވެ.
"ހަގީގަތުގައި ޓީޗަރުންނަކީ ސަރުކާރުގެ އެންމެ މުހިންމު އެއް ވައުދުކަމަށްވާ މީހުން ބިނާކުރުމުގެ އަމަލީ މަސައްކަތް ތަންފީޒު ކޮށްދެއްވާ ބޭފުޅުން. އޭގެ އިތުރުން ރާއްޖެއަށް މިހާރު ކުރިމަތިވެފައިވާ އިޖުތިމާއީ މައްސަލަތައް ހައްލު ކުރުމަށްޓަކައިވެސް، ތައުލީމީ ދާއިރާގެ ހިދުމަތްތެރިންނަށް ރަނގަޅު ގޮތް ހޯދައި ދިނުމަކީ ވަރަށް ބޭނުންތެރިކަމެއް"
- ރައީސް އިބްރާހިމް މުހައްމަދު ސޯލިހު
ޓީޗަރުންގެ މުސާރަ ކުޑަވުމުން އެކަމުގެ ކަންބޮޑުވުން ފާޅު ކުރަމުން އަންނަތާ ދުވަސްތަކެއް ވެއްޖެ އެވެ. މިއީ ސަރުކާރުގެ އެއް ވައުދުކަންވެސް ފާހަގަކޮށްލެވެ އެވެ.
މުސާރައިގެ އޮނިގަނޑަށް ބަދަލުތަކެއް ގެނަސް މުސާރަ ބޮޑުކުރަން މަސައްކަތް ކުރަމުންދާކަމަށް މިދިޔަ 2019 ވަނަ އަހަރުގެ ތެރޭގައި އެޑިއުކޭޝަން މިނިސްޓްރީން ބުންޏެވެ. އޭރު ބުނީ ވަރަށް އަވަހަށް މުސާރަތަކަށް ބަދަލު ގެންނާނެ ކަމަށެވެ. އެހެންނަމަވެސް ދެ އަހަރަށްފަހުވެސް މުސާރަތަކަށް ބަދަލު އައިސްފައި ނުވާކަން ފާހަގަކޮށްލެވެ އެވެ.