ފުލުހުންގެ އިދާރާ އިސްލާހުކުރުމަށް ކަމަށް ބުނެ ސަރުކާރާއި އެމްޑީޕީ ގެ ސިޔާސީ ނުފޫޒާއެކު އެ މުއައްސަސާގެ ޕްރޮފެޝަނަލް އަދި އިސް މަގާމުތަކެއްގައި ތިއްބެވި އޮފިސަރުންތަކެއް ވަކި ކުރުމަށް ނިންމުމުން އިދިކޮޅުން ކަންބޮޑުވުން ފާޅުކޮށްފިއެވެ.
އިދިކޮޅު ޕީޕީއެމް ޕީއެންސީ ކޯލިޝަނުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެމްޑީޕީން ވެރިކަމަށް އަންނަ ކޮންމެ ފަހަރަކުވެސް ފުލުހުންނާއި ސިފައިންނަށް ސިޔާސީ ނުފޫޒު ފޯރުވުމަށް ހިންގަމުން ގެންދާ ޖަރީމާތަކަށް އިތުރުވެގެންދާ ބޮޅެއްގެ ގޮތުގައި ރައްޔިތުން އަންނަނީ ސިފަ ކުރަމުން ކަމަށެވެ. އަދި ދާދި ފަހުން އެމްޑީޕީގެ ސިޔާސީ މުހުތާދުތަކެއް ފުއްދުމުގެ ބޭނުމުގައި ފުލުހުންގެ ގާނުނަށް ގެނެވިފައިވާ އިސްލާހުގެ ދަށުން އެކުލަވާލާފައިވާ ޕޮލިސް ބޯޑަކީ އެމްޑީޕީ އިން ބޭނުންވާ ގޮތަށް ކަން ކުރާނެ ބަޔަކު ހިމަނައިގެން އެކުލަވާފައިވާ ބޯޑެއްގެ ގޮތުގައި އެ ބަޔާނުގައި ވަނީ ސިފަކޮށްފައެވެ.
އަދި އެއީ 2008 ވަނަ އަހަރު އުފެދުނު އެމްޑީޕީގެ ސަރުކާރުން ވެސް ފުލުހުންގެ މުއައްސަސާގެ އަގު ވައްޓާލާ އެމުއައްސަސާ ސިޔާސީ ކުރަން ކުރި މަސައްކަތް ކާމިޔާބު ނުވެ، ރައްޔިތުންނަށް ލިބިދޭ ޚިޔާލުފާޅު ކުރުމުގެ މިނިވަންކަމަށް ހުރަސް އަޅާ، ރައްޔިތުންނަށް އަނިޔާކޮށް ބިރުވެރިކަން ފެތުރުމަށް މަސައްކަތްކޮށް، ވެރިކަން ކުރާން ނޭނގި އޭރުގެ ރައީސުލްޖުމްހޫރިއްޔާ މުޙައްމަދު ނަޝީދު އަމިއްލަފުޅަށް އިސްތިއުފާ ދެއްވައި، އެކަން ފުލުހުންނާއި ސިފައިނންނާއި މަތިކޮށް ބަދަލު ހިފުމަށް ކުރަމުން ގެންދާ މަސައްކަތެއްގެ ގޮތުގައި އެ ކޯލިޝަނުން ވަނީ ސިފަކޮށްފައެވެ. ފުލުހުންނާއި ސިފައިން ފަދައިން ގައުމުގެ ކަންކަން ހަމަ މަގަށް އެޅުވުމުގެ މަސްއޫލިއްޔަތު ހަވާލު ކުރެވިފައިވާ މުއައްސާތައް ސިޔާސީ ކުރުމަށް ކުރަމުން ގެންދާ މަސައްކަތްތައް މިހާރުން މިހާރަށް ހުއްޓާލުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހަށާއި އެމްޑީޕީގެ ރައީސް، ރައީސް މުޙައްމަދު ނަޝީދަށް އިދިކޮޅުގެ ބަޔާނުގައި ގޮވާލާފައިވެއެވެ. އަދި ފުލުހުންގެ ބޯޑު ގެ އެ ނިންމުންވެސް ސިޔާސީ ނުފޫޒުތަކުން އެއްކިބާވެ ތިބެ އަލުން މުރާޖައާ ކުރުމަށް އެ ކޯލިޝަނުން ވަނީ ގޮވާލައިފައެވެ.