ވެކްސިން ނުޖަހާ ފަތުރުވެރިންނަށް ރަށްރަށަށް ދެވޭ އުސޫލެއް އެޗްޕީއޭއިން އާއްމުކޮށްފިއެވެ.
ހެލްތް ޕްރޮޓެކްޝަން އެޖެންސީން އާއްމުކޮށްފައި އިއުލާނުގައި ބުނެފައިވަނީ، ވެކްސިން ފުރިހަމަނުވާ ފަތުރުވެރިންނަށް މީހުން ދިރިއުޅޭ ރަށްރަށުގެ ގެސްޓް ހައުސްތަކަށް ޗެކް -އިން ކުރެވޭނީ އެ ރަށެއްގެ ވެކްސިން ކަވަރޭޖް ރަށުގައި ދިރިއުޅޭ މުޅި އާބާދީގެ 60 އިންސައްތަ އަށް ވެކްސިން ޑޯޒްތައް ފުރިހަމަ ވެފައިވުމުން ކަމަށެވެ.
އަދި ރަށުގައި ފަތުރުވެރިންނަށް ހިދުމަތްދިނުމުގައި މަސައްކަތްކުރާ ހުރިހާ ފަރާތްތައް ހިމެނޭގޮތަށް 95 އިންސައްތަ މީހުންނަށް
ވެކްސިންގެ ޑޯޒްތައް ފުރިހަމަވެފައިވުން، މީގެ އިތުރުން ރަށުގައި ދިރިއުޅޭ ފަސްދޮޅަސް ފަހެއް އަހަރުން މަތީގެ އާބާދީގެ 90 އިންސައްތަ މީހުން ވެކްސިން ޑޯޒްތައް ފުރިހަމަވެފައިވުމުގެ އިތުރުން ވެކްސިން ޑޯޒް ފުރިހަމަ ވެފައި ކަމަށް ބަލާނީ ވެކްސިންގެ ޖަހަންޖެހޭ ޑޯޒްތައް ފުރިހަމަ ވުމަށްފަހު 14 ދުވަސް ވުމުން ކަމަށެވެ.
މިގޮތަށް ވެކްސިން ކަވަރޭޖް ހަމަވެފައިވާ ރަށްރަށަށް، ވެކްސިންގެ ޑޯޒްތައް ފުރިހަމަނުވާ ފަތުރުވެރިން
ދަތުރުކުރާނަމަ ޗެކް -އިން ކުރާ ދުވަހުން ފެށިގެން ހަތް ދުވަސް ހަމަވުމުން ޕީ.ސީ.އާރު ޓެސްޓް ހަދަންވާނެކަމަށާއި ވެކްސިނޭޝަން ކަވަރޭޖް ފުރިހަމަވެފައިނުވާތީ ގްރޭޓަރ މާލޭ އޭރިއާގައި ހުންނަ
ގެސްޓްހައުސްތަކަށް ޗެކް -އިން ކުރެވޭނީ ވެކްސިންގެ ޑޯޒްތައް ފުރިހަމަވެފައިވާ ފަތުރުވެރިންނަށް އެކަނި ކަމަށްވެސް ބަޔާނުގައިވެއެވެ.