ކްލަބް ހައުސްގައި ނަޝީދުގެ ނަންފުޅުގައި އެހެންމީހަކު ފިތުނަ އުފައްދަމުންދާ ކަމަށް އޭނާ ވިދާޅުވެއްޖެއެވެ.
މިއަދު ކުރެއްވި ޓުވީޓެއްގައި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ، ކޮންމެވެސް މީހަކު އޭނާގެ ނަމުގައި ކްލަބް ހައުސްގައި ވަރަށް ފިތުނަ އުފައްދަމުންދާ ކަމަށެވެ. އަދި ކްލަބްހައުސްގައި ބޭނުންކުރައްވާ ހަމައެކަނި އެކައުންޓް ނަމަކީ މުހައްމަދު ނަޝީދު ކަމަށްވެސް ވިދާޅުވެފައިވެއެވެ.
ނަޝީދުގެ ޓުވީޓްގައި ކްލަބް ހައުސްގައި އޭނާގެ ނަންފުޅު ބޭނުންކޮށްގެން މިކަން ކުރަމުންދަނީ ކާކުކަން ނޭނގޭ ކަން ފާހަގަކޮށް މިކަން ސާފު ކޮށްދިނުމަށް ވަނީ އެދިފައެވެ.
ނަމަވެސް ނަޝީދު މިކަމަށް އެދިފައިވަނީ ކޮން ފަރާތެއްގައިކަން ސާފެއް ނުވެއެވެ. ކްލަބް ހައުސްއަކީ މި ފަހަކަށް އައިސް ސިޔާސީ ފޯރަމްތަކާއި އެކި އެކި ތަފާތު ހިޔާލު ބަދަލު ކުރުމުގެ މަޝްވަރާތައް ކުރިއަށް ގެންދާ ފްލެޓްފޯމެކެވެ.