ޔޫތު މިނިސްޓަރ އަހުމަދު މަހުލޫފުގެ މައްޗަށް ކޮށްފައިވާ އެމްއެމްޕީއާރުސީ ހިޔާނާތުގެ މައްސަލާގައި ތަފާތު ގޮތަކަށް އަމަލު ކުރަމުން ނުދާ ކަމަށް ޕްރޮސެކިއުޓަރ ޖެނެރަލް އޮފީހުން ބުނެފިއެވެ.
ޕީޖީ އޮފީހުން ބުނީ މައްސަލަތަކުގައި ދައުވާ ކުރުމާމެދު އެ އޮފީހުން ނިންމާ ނިންމުންތަކަކީ ހެއްކާ ގަރީނާގެ މައްޗަށް ބިނާވާ ނިންމުންތަކެއް ކަމަށެވެ. އަދި މައްސަލަތަކުގައި ތަހުގީގީ އިދާރާތަކުން ހޯދާ ހެކި ގަރީނާއަކީ ގާނޫނާ އެއްގޮަތަށް ހޯދާފައިވާ ހެކި ގަރީނާކަން ޕީޖީން އަބަދުވެސް ކަށަވަރު ކުރާ ކަމަށާއި މިމައްސަލައިގައިވެސް އެކަން ކަށަވަރު ކުރާނެ ކަމަށް ޕީޖީ އޮފީހުން ވަނީ ހާމަކޮށްފައެވެ.
އަދި އެއްވެސް މީހަކާމެދު ނުޙައްގުން އަމަލު ނުކުރާ ކަމަށާއި މިކަމުގައި އެއްވެސް އިސްތިސްނާ އެއްނެތް ކަން ފާހަގަކޮށް ބައެއް ބޮޑެތި މައްސަލަތަކުގައި ދައުވާ ކުރުމާމެދު ގޮތެއް ނިންމާ މަރުޙަލާގައި އިތުރު ކަންކަން ސާފުކުރުމަށް ނުވަތަ ތަހުގީގީ އިދާރާތަކާއެކު ކުރަންޖެހޭ އިތުރު މަސައްކަތްތައް ހުންނާތީ އިތުރު މުއްދަތުތަކެއް ހޭދަވާ ކަމަށް ޕީޖީ އޮފީހުން ހާމަކުރެއެވެ. މަހުލޫފްގެ މައްޗަށް ތުހުމަތުކުރެވޭ މައްސަލައިގައި ވެސް ދިމާވީ އެހެން ކަމަށާއި މިއީ މަހުލޫފްއާ މެދު ތަފާތު ގޮތަކަށް އަމަލުކުރަނީއެއް ނޫން ކަމަށްވެސް ޕީޖީން ވަނީ ބުނެފައެވެ.
ތުހުމަތުކުރެވޭ ފަރާތުން ޕީޖީއަށް ނިސްބަތްކޮށް ކުރާ ތުހުމަތުތަކަކީ މައްސަލައިގެ ތުހުމަތުކުރެވޭ މީހެއްގެ ހައިސިއްޔަތުން އެފަރާތުން ދެކެވަޑައިގަންނަވާގޮތް ކަމަށް ވެދާނެ ކަމަށާއި އެއީ ރަނގަޅު ވާހަކަތަކެއް ނޫން ކަމަށްވެސް ޕީޖީ އޮފީހުން ހާމަކޮށްފައިވެއެވެ. އަދި ޕީޖީން ގާނޫނާ ހިލާފަށް އެއްވެސް މީހަކާމެދު އަމަލު ނުކުރާނެކަމުގެ ކަށަވަރުކަން ވަނީ ދީފައެވެ.
ޕީޖީ އޮފީހުން މިހެން ވިދާޅުވީ، މަހުލޫފުގެ މައްސަލަ ދިގުލައިގެން ގޮސް ސޯޝަލް މީޑިއާގައި މަހުލޫފު ދައުލަތަށް ބޮޑެތި ފާޑުކިއުންތަކެއް އަމާޒުކުރަމުންދާތީ ޕީޖީގެ މީޑިއާ ވައިބަރ ގުރޫޕުގެ ނޫސްވެރިއަކު ސުވާލު ކުރުމުންނެވެ.