އެމްޑީޕީގެ ގައުމީ މަޖިލީހުގެ އިންތިހާބުގައި ވާދަ ކުރަން ޝަރުތު ހަމަނުވާ ގޮތަށް ނިންމި ނިންމުމަކީ އެމްއެމްޕީއާރުސީ އާއި ގުޅުން ހުރި ކަމެއްނޫން ކަމަށާއި މިއީ ސިޔާސީ ކަމެއް ކަމަށް ޔޫޓު މިނިސްޓަރ އަހުމަދު މަހުލޫފް ވިދާޅުވެއްޖެއެވެ.
އެމްޑީޕީގެ އެތެރޭގެ އިންތިހާބުގައި މެދު އުތުރު ޕްރޮވިންސްގެ ރައީސް ކަމަށް ވާދަކުރެއްވުމަށް މަހުލޫފު ވަނީ ފޯމު ހުށަހަޅުއްވައިފައެވެ. އެހެންނަމަވެސް އެމްޑީޕީގެ ސެކެރެޓަރީ ޖެނަރަލް ސޮއިކުރައްވާ މަހުލޫފަށް ފޮނުއްވި ސިޓީގައި ބުނެފައިވަނީ އިންތިހާބަށް ކުރިމަތިލެއްވި ފަރާތްތަކުގެ ތެރެއިން ޝަރުތު ހަމަވާ ފަރާތްތައް ބެލުމަށް ކަމާބެހޭ މުއައްސަސާތަކުން މައުލޫމާތު ސާފު ކުރި އިރު އޭގެ ތެރެއިން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން މަހުލޫފުގެ މައްސަލައެއްވާ ކަމަށް އަންގާފައިވާ ކަމަށެވެ.
މިކަމާ ގުޅިގެން މަހުލޫފު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، މިއީ އެމްޑީޕީއިން އަބަދު ވަކާލާތުކުރި، އިންތިހާބުތަކުގައި ވާދަކުރުމުގެ ހައްގާއި ދިމާ އިދިކޮޅު/ޑިމޮކްރެސީގެ ރޫހާވެސް ހިލާފު ނިންމުމެއް ކަމަށާއި އެމްޑީޕީގެ ރައީސް، ނައިބު، ޗެއަރޕަރސަން އަދި ޕްރައިމަރީތަކަށްވެސް ޝަރުތުހަމަ ކަމަށެވެ.