މަޖިލީހުގެ ރައީސް ކަމުން އިސްތިއުފާ ނުދެއްވާނަމަ ނަޝީދަށް ރާއްޖެވަޑައިގަނެވޭނެ މާހައުލެއް އުފައްދަންޖެހޭ ކަމަށް މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފު އުމަރު ވިދާޅުވެއްޖެއެވެ.
މަޖިލީހުގެ ރައީސަށް ތަޅުމަށް ހާޒިރު ނުވެވުމަކީ މަގާމުން އިސްތިއުފާދެއްވަން ޖެހޭ ކަމެއް ނޫންކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނާއިބު ރައީސް ރީކޯ މޫސާ މަނިކު ވިދާޅުވުމާއި ގުޅިގެން ކުރެއްވި ޓުވީޓެއްގައި މެމްބަރު އާދަމް ޝަރީފު ވިދާޅުވީ، ރައީސް ނަޝީދު ރާއްޖެ ވަޑައިގަތުމަށް ހިތްވަރު ލިބޭގޮތަށް ސަރުކާރުން ޗުއްޕުވެސް ނުބުނަނީ ކުރީގެ އެމްޑީޕީގެ ވެރިންނާއި ރާއްޖޭގެ ޕާރޓްޓައިމް ފޮރިން މިނިސްޓަރ ރޭވުމުގެ ސަބަބުން ކަމަށް ވެދާނެ ކަމަށެވެ. އަދި އިސްތިއުފާ ނުދެއްވާނަމަ ރައީސް ނަޝީދަށް ރާއްޖެ ވަޑައިގަނެވޭނެ މާހައުލެއް އުފައްދަން ޖެހޭ ކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ.
މަޖިލީހުގެ ރައީސްގެ މަގާމުން އިސްތިއުފާ ދެއްވައި އެހެން ބޭފުޅަކަށް ފުރުސަތު ދިނުމަށް ޕީއެންސީގެ ނާއިބް ރައީސް އާދަމް ޝަރީފު ގޮވާލެއްވުމާ ގުޅިގެން އެކަމަށް ރައްދު ދެއްވާ މޫސާ މަނިކު ވިދާޅުވީ، ޒަރޫރީ ހާލަތެއް މެދުވެރިވެގެން މަޖިލީހުގެ މެމްބަރުން ޖަލްސާގައި ބައިވެރިވެވޭނެ ކަން ކޮވިޑްގެ ހާލަތުން އެނގިގެން ގޮސްފައިވާ ކަމަށެވެ.
މެއި ހައެއްގައި ނަޝީދަށް އަމާޒުކޮށް ދިން ބޮމުގެ ހަލަމަލާގައި ލިބުނު އަނިޔާއަށް ފަރުވާ ކުރުމަށް މިވަގުތު ނަޝީދު ރާއްޖެއިން ބޭރުގައި ހުންނެވި އިރު ރާއްޖެ ވަޑައިގަނެވޭނެ ފަދަ މާހައުލެއް ނެތް ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.