މިއަހަރުގެ ދެވަނަ ކުއާޓަރުގައި ދައުވާ ކުރަން ޕީޖީއަށް ފޮނުވީ ހަތް މައްސަލަ ކަމަށް އެންޓިކޮރަޕްޝަން ކޮމިޝަން އޭސީސީން ބުނެފިއެވެ.
އެގޮތުން ދެވަނަ ކުއާޓަރުގައި އެންމެ ފުރަތަމަ ފޮނުވާފައިވަނީ، އއ މަތިވެރި ކައުންސިލް އިދާރާގެ ޕިކަޕް މަރާމާތު ކުރުމުގެ މަސައްކަތް 2016 ވަނަ އަހަރުގެ ތެރޭގައި ދައުލަތުގެ މާލިއްޔަތުގެ ގަވައިދާ ހިލާފަށް އިއުލާންކުރުމަކާ ނުލާ، "ޒީސްކް މޯލްޑިވްސް" ގަރާޖާ އެމަސައްކަތް ހަވާލުކޮށް އެފަރާތަށް ނާޖައިޒް ފައިދާ ހޯދާދީފައިވާ ކަމަށް ބުނާ މައްސަލައެކެވެ.
ދެން ފޮނުވާފައިވަނީ ރ ރަސްމާދޫގެ ވޭސްޓް މެނޭޖްމަންތް ސެންޓަރަށް ޕިކަޕެއް ހޯދުމަށް ރަސްމާދޫ ކައުންސިލްގެ އިދާރާއިން 2016 ޖޫންމަހުގެ ތެރޭގައި ކޮށްފައިވާ އިއުލާނަކާ ގުޅިގެން އެ ޕިކަޕް ގަތުމަށް ކައުންސިލް އިދާރާއިން ފައިސާ ނަގާފާވީނަމަވެސް ޕިކަޕް ގަނެފައިނުވާ ކަމަށް ބުނާ މައްސަލައެކެވެ. މީގެ އިތުރުންވެސް މާލޭގެ ގޯއްޗެއް ބަހައިގެން އެ ގޭގެ މިލްކްވެރިންގެ ތެރެއިން އެއްފަރާތަށް ލިބިފައިވާ ބިންކޮޅު ދޫކޮށްލުމާއި ގުޅިގެން އެ ބިން ގަތުމަށް ޝައުގުވެރިވާ ފަރާތްތަކަށް ކުރީގެ މިނިސްޓްރީ އިފް ހައުސިން އިންފްރާސްޓްރަކްޗަރ އިން ހުޅުވާލުމުން އެބިމާއި އިން ވެގެން އޮތް ބިން ލިބުނު ފަރާތުން އެ ބިން ގަތުމަށް ހުށަހެޅި ނަމަވެސް ސަރުކާރުން އެބިން ބިއްކާފައިވަނީ އެބިމާއި ދުރުން ބިން ލިބިފައިވާ ފަރާތްތަކަށް ކަމަށް ބުނާ މައްސަލައެކެވެ.
މީގެ އިތުރުންވެސް މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން ލިމިޓެޑް އެމްއެމްޕީއާރުސީ ގެ ހިޔާނާތުގެ މައްސަލާގެ ތެރޭގައި ހިންގާފައިވާ ކޮރަޕްޝަނާއި، ހިޔާނާތާއި، މަނީ ލޯންޑްރިންގެ މައްސަލަަތައް ބެލުމަށް މޯލްޑިވްސް ޕޮލިސް ސާރވިސް އާއި ޕްރެޒިޑެންޝަލް ކޮމިޝަން ގެންދާ ޖޮއިންޓް އިްނވެސްޓިގޭޝަންގެ ތަހުގީގުގެ ތެރޭގައި، ކުށްކޮށްގެން ހޯދާފައިވާ ފައިސާ ގ. ހާފްސީ އަހުމަދު މަހުލޫފް އަށް ލިބިފައިވާ ކަމަށް ފާހަގަކުރެވިފައިވާ މައްސަލަވެސް ފޮނުވާފައިވަނީ މިއަހަރުގެ ދެވަނަ ކުއާޓަރުގައެވެ.
ތަފާސްހިސާބުތަކަށް ބަލާއިރު، މިދިޔަ އަހަރުވަނީ ޖުމްލަ 961 މައްސަލައެއް އޭސީސީން ބަލައި ނިންމާފައެވެ. މި އަދަދަކީ 2019ވަނަ އަހަރާ އަޅާބަލާއިރު %35 އިތުރު އަދަދެކެވެ.