ދަނޑުވެރިކަން ކުރަން ނަގާ ރަށްރަށުގައި ޓުއަރިސްޓުންވެސް ގެންގުޅޭ ކަން އެނގިފައިވާ ކަމަށާއި މިއީ ހައްލު ހޯދަންޖެހޭ މުހިންމު ކަމެއް ކަމަށް ވެލިދޫ ދާއިރާގެ މެމްބަރު މުހައްމަދު އަބްދުﷲ ޝަފީގު ވިދާޅުވެއްޖެއެވެ.
ދިވެހިރާއްޖޭގެ ފަޅު ރަށްރަށާއިބެހޭ ގާނޫނަށް އިސްލާހު ގެނައުމާއި ބެހޭ ބިލަށް މިއަދުގެ މަޖިލީހުގައި ބަހުސްކުރައްވަމުން މެމްބަރު އަބްދުﷲ ޝަފީގު ވިދާޅުވީ، ދަނޑުވެރިކަމަށް ކޮންމެވެސް އުސޫލެއްގެ ތެރެއިން ކޮންމެވެސް ބަޔަކު ނުވަތަ ސަރުކާރުގެ އިދާރާއަކުން ހުއްދަ ނަގާ ބައެއް ރަށްރަށުގައި ކުރަމުން އަންނަނީ ދަނޑުވެރިކަން ނޫން ކަމަށެވެ. އެފަދަ ރަށްރަށުގައި ދަނޑުވެރިކަން ކުރޭތޯ ނޫން ނަމަ ދަނޑުވެރިކަމާއި ގުޅުންހުރި މަސައްކަތް ކުރުމަށް ނަގާފައި އެރަށުގައި ކުރަނީ ކޮންކަމެއްތޯ ސަރުކާރުގެ އެއްވެސް އިދާރާއަކުން ބަލާ ނުލާ ކަމަށާއި މިރަށްތަކުގެ ސަބަބުން އެސަރަހައްދުގެ ރައްޔިތަކަށް ލިބޭ ފައިދާ އެއް ސަރުކާރަށްވާ ފައިދާއެއްވެސް ނޯންނަ ކަމަށް މެމްބަރު ވިދާޅުވިއެވެ.
އެގޮތުން ދަނޑުވެރިކަން ކުރުމަށް ނަގާފައިވާ ބައެއް ރަށްރަށުގައި ކޮޓަރި ބަރި އަޅައިގެން ގެސްޓުން ގެންގުޅޭ ކަމަށް ވެލިދޫ ދާއިރާގެ މެމްބަރު ވަނީ ވިދާޅުވެފައެވެ. އަދި މިކަން ނ އަތޮޅުގައިވެސް ހިނގަމުން އަންނަ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
ފަޅުރަށްތައް ބެލޭނެ ރަނގަޅު ހަރުދަނާ އިންތިޒާމެއް މިއަދާ ހަމައަށްވެސް ނެތުމުން އެ ރަށްތަކަށް އަރާ މީހުން ގިނަ ފަހަރަށް ވަރަށް ބޮޑެތި ގެއްލުންތަކެއް ދަނީ ދެމުން ކަމަށް ވެސް އަބްދުﷲ ޝަފީގު ވިދާޅުވިއެވެ.
ލާމަރުކަޒީ ނިޒާމު ހަރުދަނާ ކުރުމަށް ދިވެހިރާއްޖޭގެ ފަޅު ރަށްރަށް ދިނުމާއި ބެހޭ ގާނޫނަށް ސަރުކާރުގެ ފަރާތުން އިސްލާހު ހުށަހެޅުއްވާފައިވަނީ ބާރަށު ދާއިރާގެ މެމެބަރު އަހުމަދު އަބްދުﷲ އެވެ.
މިބިލަށް ބަހުސް ކުރެއްވި މެމްބަރުން ވިދާޅުވެފައިވަނީ ހިމާޔަތް ކުރެވިފައިވާ ރަށްރަށް އެހެންގޮތަށް ހަމަޖެހެންދެން އެންމެ ގާތުގައި އޮންނަ މީހުން ދިރިއުޅޭ ރަށެއްގެ ކައުންސިލުން ބަލައްހައްޓަ ގޮތަށް އޮތުމަކީ މުހިންމު ކަމެއް ކަމަށެވެ.
މި ގާނޫނުގައި ވާގޮތުން ކައުންސިލްތަކުގެ އިހުތިސާސްގައި ހިމެނޭ ރައްތައް ވަރުވާއަށް ދިނުމާއި ވަކި ކުރުމާއި މިކަން ކަމަށާއި ގުޅޭގޮތުން ހިންގަންޖެހޭ މަސައްކަތް ހިންގުމުގެ އިހުތިޔާރާ ބާރު ވަނީ ކައުންސިލްތަކަށް ލިބިދޭގޮތަށް ވަނީ ކަނޑައަޅާފައެވެ.