މިހާތަނަށް އެސެޓް ރިކަވަރީ ކޮމިޝަނުން ކޮށްފައިވާ ތަހުގީގުތަކުގެ ސައްހަ ކަމާމެދު ސުވާލު އުފެދޭ ކަމަށް ކުރީގެ އިސްލާމިކް މިނިސްޓަރ ޑރ މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.
މަގާމުގެ މަސްއޫލިއްތުން އެކަހެރިކޮށްފައިވާ ޔޫތު މިނިސްޓަރު އަހުމަދު މަހްލޫފްގެ މައްސަލާގައި ސްރީލަންކާގެ ރައްޔިތެއްގެ ހެކިބަސް ނަގަން ލަންކާގައި ހުންނަ ދިވެހި އެންބަސީ މެދުވެރިކޮށް އެސެޓް ރިކަވަރީ ކޮމިޝަން އިން އަމަލުކޮށްފައިވަނީ ގާނޫނުތަކާއި ހިލާފަށް ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން އެ ކޮމިޝަނަށް އެންގުމާ ގުޅިގެން ކުރެއްވި ޓުވީޓެއްގައި ޝަހީމް ވިދާޅުވީ، ރައީސް އޮފީހުގެ އެ ސިޓީގެ ސަބަބުން އެ ކޮމިޝަނުން ކޮށްފައިވާ ހުރިހާ ތަހުގީގެއްގެ ސައްހަކަމާމެދު ސުވާލު އުފެއްދުމުގެ ޖާގަ ހުޅުވުނީ ކަމަށެވެ. އަދި ކޮމިޝަންގެ ތަހުގީގުތައް އިތުރަށް ތަހުގީގުކުރަން ރައީސް އޮފީހަށް ހުށަހެޅުމުގެ ފުރުސަތު ކޮންމެ މީހަކަށް ވެސް އޮންނަންޖެހޭނެ ކަމަށާއި އެންމެނަށް ވެސް އިންސާފު ލިބެންވާނެ ކަމަށް ޝަހީމްގެ ޓުވީޓްގައި ވިދާޅުވެފައިވެއެވެ.
ބައެއް މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި ރައީސް އޮފީހުން ކޮމިޝަނަށް ފޮނުވި ސިޓީގައި ވަނީ މަހުލޫފްގެ މައްސަލާގައި އެ ކޮމިޝަނުން އަމަލުކޮށްފައިވަނީ ގާނޫނުތަކާއި ހިލާފަށް ކަމަށް ބަޔާންކޮށްފައެވެ.