އިނގިރޭސިބަހުން އިސްލާމް މާއްދާ ކިޔަވައިދޭން ވިސްނާފައި ނުވާ ކަމަށް މިނިސްޓްރީ އޮފް އެޑިއުކޭޝަނުން ހާމަކޮށްފިއެވެ.
އިސްލާމް މާއްދާ ކިޔަވައިދިނުމަށް ބޭރުގެ ޓީޗަރުން ގެނައުމުގެ ވިސްނުން އެޑިއުކޭޝަނުން ގެންގުޅޭ ކަމަށް ވިދާޅުވެ އެމްޑީޕީގެ މެއި 6 ކޮމިޓީގެ މުގައްރިރު ދެއްކެވި ވާހަކަފުޅާއި ގުޅިގެން މިއަދު ނެރުނު ބަޔާނެއް މިނިސްޓްރީން ބުނެފައިވަނީ، ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާއި ބެހޭ ކޮމިޓީން އެކުލަވާލި ރިޕޯޓްގައި ހިމެނޭ ރިކޮމެންޑޭޝަންތަކުގެ ތެރެއިން މިނިސްޓްރީ އާއި ގުޅޭ ކަމަށް އެރިޕޯޓްގައި ފާހަގަކޮށްފައިވާ ކަން ކަން ތަންފީޒު ކުރުމަށް މަސައްކަތްތަކާއި ބެހޭގޮތުން މަޝްވަރާކުރުމަށް މެއި 6 ކޮމިޓީން މިނިސްޓްރީއާއި ބައްދަލު ކުރައްވާ ދެކެވުނު ވާހަކަތަކުގެ ތެރޭގައި އިނގިރޭސި ބަހުން އިސްލާމް މާއްދާ ކިޔަވައިދިނުމާ ބެހޭގޮތުން މަޝްވަރާ ކުރެވުނު ކަމަށެވެ.
ނަމަވެސް އިސްލާމް މާއްދާގެ މުގައްރަރު ތައްޔާރު ކުރެވިފައިވަނީ ދިވެހި ބަހުން ކަމަށްވެފައި އަދި އެމާއްދާ ކިޔަވައިދިނުމަށް ތަމުރީނުކުރެވިފައިވާ ފެންވަރު ރަނގަޅު ދިވެހި ޓީޗަރުން ދިވެހިރާއްޖޭގައި ތިބުމުން އިނގިރޭސި ބަހުން އިސްލާމް މާއްދާ ކިޔަވައިދިނުމަށް މިނިސްޓްރީން ވިސްނާފައިނުވާ ކަމަށެވެ.
އަދި އިސްލާމް ކިޔަވައިދިނުމަށް ބޭރު ގައުމުތަކުން ޓީޗަރުން ގެނައުމަށްވެސް އެމިނިސްޓްރީން ވިސްނާފައި ނުވާ ކަމަށް ވަނީ ބުނެފައެވެ.