މާފުށީ ޖަލަށް ވައްދަން އުޅުނު ގިނައަދަދެއްގެ މަނާތަކެތި އަތުލައިގެންފިއެވެ.
ކޮމިޝަނަރ އޮފް ޕްރިޒަންސް އަހުމަދު މުހައްމަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، މިތަކެތި އަތުލައިގަތީ ރޭގެ ވަގުތެއްގައި ލޯންޗެއްގައި އައިސް މާފުށީޖަލަށް ގިނައަދަދެއްގެ މަނާތަކެތި ވައްދަން އުޅޭ ކަމަށް ލިބުނު މައުލޫމަތަކާއި ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ކަމަށެވެ.
އެގޮތުން ފުލުހުންނާއި މާފުށި ޖަލުގެ އޮފިސަރުން ގުޅިގެން ހިންގި އޮޕަރޭޝަންގައި ގިނަ އަދަދެއްގެ މަނާތަކެތި އަތުލައި ގަނެފައިވާ ކަމަށް ކޮމިޝަނަރ އޮފް ޕްރިޒަންސް ވަނީ ފާހަގަކޮށްފައެވެ.
މާފުސީ ޖަލަށް އެތެރެ ކުރަން އުޅެނިކޮށް އަތުލައިގަނެފައިވާ ތަކެތީގެ ތެރޭގައި ގިނަ އަދަދެއްގެ މޮބައިލް ފޯނާއި ސިމްކާރޑް އަދި އިލެކްޓްރޯނިކް އާލާތްތައް ހިމެނެއެވެ.
މިކަމާ ގުޅިގެން ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވީ، މި އޮޕަރޭޝަނުގައި މަނާ ތަކެތި މާފުށީ ޖަލަށް ވެއްދުމަށް މަސައްކަތްކުރި މީހާގެ އަތުން 50 ސްމާޓް ފޯނާއި އާދައިގެ 42 ފޯނާއި، 109 ޗާޖަރާއި 77 ޔޫއެސްބީ ކޭބެލްގެ އިތުރުން ދިރާގުގެ 49 ސިމް ކާޑާއި އުރީދޫގެ 12 ސިމްކާޑު ފެނިފައިވާކަމަށެވެ. އަދި 65 ހެޑްސެޓާއި ކަޓަރު ތިލަ ދެ ޕެކެޓްގެ އިތުރުން 10 އިރާކް ސްޓިކާއާއި އެނޫންވެސް ބައެއް ތަކެތި ފެނިފައިވާކަމަށްވެސް ކޮމިޝަނަރ ވިދާޅުވިއެވެ.
މާފުށީ ޖަލަށް މަނާ ތަކެތި ވައްދަން އުޅެނިކޮށް ކަރެކްޝަންސް އިން އަތުލައިގަންފައިވާއިރު މިފަދަ ތަކެތި ވެއްދުން ހުއްޓުވުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށް ކަރެކްޝަންސް އިން ހާމަކުރެއެވެ.