ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ހުކުމް އިއްވި ގާޒީންގެ އޯޑިއޯތަކެއް ކަމަށް ބުނެ ލީކުވި އޯޑިއޯތަކަކީ އެއްވެސް އަސްލެއް ނެތް އެއްޗެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ބިލެތްދޫ ދާއިރާގެ މެންބަރު އަހްމަދު ހަލީމް ވިދާޅުވެއްޖެއެވެ.
މިއަދުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން މެމްބަރު ހަލީމް ވަނީ ލީކުވި އޯޑިއޯތަކަކީ ކޮންމެވެސް ބަޔަކަށް އިދިކޮޅު ޕީޕީއެމްއާއި ޕީއެންސީގެ ލީޑާޝިޕުން ރިޝްވަތު ދީގެން އުފައްދައިގެން އުޅޭ އޯޑިއޯތަކެއް ކަމަށް ތުހުމަތުކޮށްފައެވެ. ހަލީމް ވިދާޅުވީ އެ އޯޑިއޯތަކުގައި ވާހަކަ ދައްކަނީ ކޮން ކޮން ބަޔަކު ކަން ވެސް ސާފު ނުވާ ކަމަށެވެ.
އިދިިކޮޅު ޕީޕީއެމްއާއި ޕީއެންސީގެ މެންބަރުން އިހްތިޖާޖްކޮށް އަޑުގަދަ ކުރަން ފެށުމުން މިއަދުގެ ޖަލްސާވަނީ މެދުކަނޑާލާފައެވެ. ލީކުވި އޯޑިއޯތަކާއި ގުޅިގެން މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ވަނީ ކުއްލި މައްސަލައެއްވެސް ހުށަހަޅާފައެވެ. ނަމަވެސް އެއްދުވަހެއްގައި ދެ ކުއްލި މައްސަލަ ހުށަހެޅުމުން އެދުވަހެއްގައި ބަހުސްކުރާނީ ގުރުއަތުން ނެގޭ މައްސަލައަކަށެވެ. މިއަދު ގުރުއަތުން ހޮވުނީ މަކުނުދޫ ދާއިރާގެ އެމްޑީޕީގެ މެންބަރު މުހައްމަދު ރާއީ ހުށަހެޅުއްވި ކުއްލި މައްސަލައެކެވެ. އެއީ ރަސްމަތި ފަަރަށް އާގު ބޯޓެއް އެރި މައްސަލައެކެވެ. މި މައްސަލަ ބަހުސް ހުޅުވާލަން 35 މެންބަރުންގެ ވޯޓުން ފާސްވިއެވެ.