ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އިހުތިޖާޖުތައް ކުރުމަށް ތައްޔާރުވަމުންދާ ކަމަށް އިދިކޮޅު ކޯލިޝަންގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމުހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު އާއި ބައްދަލު ކުރެއްވުމަށް އިދިކޮޅު ފަރާތްތަކުން މިއަދު ރައީސް އޮފީސް ސަރައްހައްދަށް ގޮސް ތިއްބަވާ މީޑިއާއަށް ދެއްވި އިންޓަރވިއުއެއްގައި ހީނާ ވިދާޅުވީ، ސަރުކާރު ޖަވާބުދާރީ ކުރުވުމަށް އިދިކޮޅު ފަރާތްތަކުން މަގުމައްޗަށް ނިކުތުމާ ގުޅޭ މަޝްވަރާތައް ކުރަމުންދާ ކަމަށެވެ. އަދި މީގެ ކުރިން މަގުމަތީގައި ކުރެއްވި އިހުތިޖާޖުތައް ހުއްޓާލަން ޖެހުނީ ކޮވިޑް މާލެ ސަރަހައްދުގައި ފެތުރެން ފެށުމުން އެޅި ފިޔަވަޅުތަކާއި ގުޅިގެން ނަމަވެސް މިހާރު އެހާލަތު ބަދަލުވެފައިވާތީ ވަރަށް އަވަހަށް މަގުމަތީ އިހުތިޖާޖުތައް ފަށާނެ ކަމަށެވެ.
ހީނާ ވިދާޅުވީ ސިޔާސީ ގޮތުން ރައީސް ޔާމީން ޖަލުގައި ގައިދުކޮށްފައި ބަހައްޓާފައިވާތީ އެކަމާ ކަންބޮޑުވާ ކަމަށާއި ވީހާވެސް އަވަހަކަށް ރައީސް ޔަމީން ދޫކޮށްލުމަށް ގޮވާލާ ކަމަށެވެ. މިހާރު މި ގައުމުގައި މިނިވަންކަމެއް ނެތް ކަމަށާއި ގައުމު ހިމާޔަތް ކުރުމަށް ދިވެހި ރައްޔިތުން ތެދުވަން ޖެހޭ ކަމަށާއި ސަރުކާރު ޒިންމާދާރު ކުރެވޭނީ ސަރުކާރުން ކުރަމުންދާ ކަން ކަމަށް ދެކޮޅު ހަދައިގެން ކަމަށް ހީނާ ވިދާޅުވިއެވެ.
މިހާރު ފެންނަމުން ދަނީ ދެ ރައީސުންގެ ދެމެދުގައި އޮތް ކޯޅުންތަކެއް ކަމަށާއި ރައްޔިތުންނަށް ހިދުމަތް ކުރުމަށްޓަކައި އެއްވެސް މުއައްސަސާ އަކުން ކުރަމުންދާ އެއްވެސް މަސައްކަތެއް މިއަދު ފެންނަމުން ނުދާ ކަމަށް ހީނާ ވިދާޅުވިއެވެ.