ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކޯޓުން ކޮށްފައިވާ ހުކުމަށް ނުފޫޒު ފޯރުވި ކަމަށް ބުނާ އޯޑިއޯތަކެއް ލީކުވުމާއި ގުޅިގެން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި މައްސަލަ ބޭރުކޮށްލަން ފާސްކޮށްފިއެވެ.
މިމައްސަލަ މަޖިލީހަށް ހުށަހެޅުއްވީ ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފު އުމަރުއެވެ. މިމައްސަލަ ބަހުސަށް ހުޅުވާލަން ނުފެންނަ ކަމަށް 20 މެމްބަރުން ވޯޓުދިނެވެ.
ރައީސް ޔާމީންގެ މައްޗަށް ހުކުމް ކުރި ބެންޗްގައި ތިއްބެވި ތިން ފަނޑިޔާރުން ކަމަށް ބެލެވޭ ބަޔަކުގެ އޯޑިއޯތަކެއް ލީކުވުމުން އެ މައްސަލަ ޖުޑީޝަލް ސާރވިސް ކޮމިޝަނުން ވެސް މިހާރު ވަނީ ތަހުގީގު ކުރަން ފަށާފައެވެ. މިމައްސަލައާ ގުޅިގެން އާދަމް ޝަރީފް ވިދާޅުވީ އޯޑިއޯތަކަކީ ސައްހަ އެއްޗެއް ނޫން ކަމަށް ފަނޑިޔާރުން މިހާރު ވިދާޅުވަމުންދަނީ ވަޒީފާގެ ބިރަށް ކަމަށެވެ. އަދި ޖޭއެސްސީގެ ތަހުގީގު ކުރިން މިކަމަށް ފަނޑިޔާރުން އިންކާރު ކުރެއްވި ނަމަ ގަބޫލުކުރަން ތަންކޮޅެއް ފަސޭހަވީސް ކަމަށެވެ.
ޖޭއެސްސީން ބުނެފައިވަނީ މި މައްސަލައާ ގުޅިގެން، ކްރިމިނަލް ކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު ޙުސައިން ފާއިޒު ރަޝާދުއާއި އެ ކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު ޢަލީ އާދަމްއާއި ޑްރަގް ކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު މުޙައްމަދު ސަމީރުގެ ފަރާތުން މަޢުލޫމާތު ސާފުކުރުމުގެ މަސައްކަތް އިއްޔެ ކުރިއަށް ގެންދިޔަ ކަމަށެވެ. މީޑިއާގައި ދައުރުވަމުންދާ އޯޑިއޯތަކަކީ ޞައްޙަ އޯޑިއޯތަކެއް ނޫން ކަމަށާއި އެފަދަ ވާހަކަތަކެއް ދައްކައިފައި ނުވާނެކަމަށް ފަނޑިޔާރުން ވިދާޅުވެފައިވާކަމަށްވެސް ޖޭއެސްސީން ވަނީ ހާމަކޮށްފައެވެ.