މިއަދު އަޅުގަނޑުމެންނަށް މިފެންނަނީ ރާއްޖޭގައި އާދަޔާ ހިލާފަށް ސަލާން ޖަހާތަން ކަމަށާއި މިއަދު ސަލާން ޖަހާވަރަށް އާއިލާތަށް ބިކަވެފައި ތިބިކަން އިޙްސާސްވާ ކަމަށް ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
އިދިކޮޅު ފަރާތްތަކުން މިރޭ ކުރިއަށް ގެންދިޔަ އައްޑަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ޝިޔާމް ވިދާޅުވީ، މިއަދު މަސްވެރި އަތޮޅަކަށް ދިޔައީމަ މަސްވެރިން އުޅޭ ހާލު އެނގިގެންދާ ކަމަށާއި ތެލުގެ އަގު ބޮޑުކޮށް ބަހައްޓާ މަސް ގަންނަ އަގު ކުޑަކުރަނީ ކަމަށެވެ.
އަދި ކޮވިޑްގެ ބަލިމަޑުކަމުގެ ތެރޭގައި ދިވެހި އާއްމު ރައްޔިތުން ވަރަށް ބޮޑަށް ނިކަމެތިވި ކަމަށާއި މިގޮތުން ރިސޯޓްތަކުގައި މަސައްކަތް ކުރާ އެތައް ޒުވާނުންނެއް އަދިވެސް ވަޒީފާއެއް ނެތި ތިބިއިރު ވަޒީފާއިން ކަނޑާލާފައިވާ އެތައް ޒުވާނުންނެއް މިއަދުވެސް ތިބީ ހަދާނެ ގޮތް ހުސްވެފައި ކަމަށެވެ. ޝިޔާމް ވިދާޅުވީ، ކުޑަ މުސާރާގައި އަދިވެސް ބައެއް ރިސޯޓްތައް އޮޕަރޭޓް ކުރަމުން އަންނަ ކަމަށާއި މަސްވެރިނާއި އެ މީހުން އާއިލާތަކުންވެސް މިއަދު އުޅެމުން އަންނަނީ ވަރަށް ދަތި ހާލުގައި ކަމަށެވެ.
މީގެ އިތުރުން ޝިޔާމް ވަނީ މިއަދުގެ ހުތުބާގައި ސިޔާސީ ކުލަ ޖެހިފައިވާ ކަމަށާއި ހުތުބާގެ މައިގަނޑު މަގްސަދަކަށް ވެފައިވަނީ ސަރުކާރުގެ މޫނުމަތި ރީތި ކުރުން ކަމަށް ވިދާޅުވެފައެވެ. މިއަދުގެ ހުކުރު ހުތުބާގެ މައުޟޫއަކީ "އިސްލާމް ދީނުގައި މަަސައްކަތުގެ މަގާމް"އެވެ. ހުކުރު ހުތުބައަކީ މި ސަރުކާރުގެ ވުޒާރާއަކުން ނިކުންނަ އެއްޗެއް ކަމަށާއި އެ ވުޒާރާގައި މިއަދު ހުންނެވީ އަދާލަތު ޕާޓީގެ ބޭފުޅެއް ކަމަށެވެ. އަދި އަދާލަތު ޕާޓީގެ ރައީސް ޝެއިހް އިމްރާން އަބްދުﷲ އަކީ ސިޔާސީ މަންފާއެއް ހޯދުމަށް ކޮންމެފަދަ ކަމެއްވެސް ކޮށްފާނެ މީހެއް ކަމަށް ޝިޔާމް ވިދާޅުވިއެވެ.