އަބަދުވެސް ތާއީދު ކުރަނީ ރިޔާސީ ނިޒާމަށް ކަމަށް މޯލްޑިވްސް ރިފޯމް މޫވްމަންޓް އެމް.އާރު.އެމް އިން ބުނެފިއެވެ.
އެޕާޓީން ބުނީ ރިޔާސީ ނިޒާމު ނޫން ނިޒާމަކަށް ތާއީދު ކުރުމަށް އެޕާޓީން އެއްވެސް ނިންމުމެއް ނިންމާފައި ނުވާނެ ކަމަށާއި އަދި އެނޫން ނިޒާމަކަށް ތާއީދު ކުރުމަށް އެއްވެސް ފަރާތަކާއި އެކު އެއްބަސް ވެފައިވެސް ނުވާނެ ކަމަށް ދިވެހި ރައްޔިތުންގެ މައުލޫމާތަށްޓަކައި އަންގަން ބޭނުންވާ ކަމަށެވެ.
އެމްއާރްއެމްގެ ކައުންސިލް މެމްބަރު އަނީސާ އަހުމަދު ވިދާޅުވީ، 2018 ގެ ރިޔާސީ އިންތިހާބަށް ކޯލިޝަން ޕާޓީތަކުން އެއްބަސްވި ޖޮއިންޓް މެނިފެސްޓޯ އެކުލަވާލުމުގައި އެމްއާރްއެމްގެ ފަރާތުން ބައިވެރިވީ އޭނާ ކަމަށާއި ރިޔާސީ ދައުރުގެ މެދުތެރޭގައި ނިޒާމީ ވޯޓެއް ނެގުމަށް އެންމެ ބޮޑަށް ދެކޮޅު ހެދީ އެޕާޓީން ކަމަށެވެ.
އެމްއާރުއެމް އަކީވެސް ސަރުކާރު ހިންގާ ކޯލިޝަންގެ މެމްބަރެކެވެ. އެމްޑީޕީގެ ރައީސް ނަޝީދުގެ ފެކްޝަނުން ގެންދަވަނީ ބަރުލަމާނީ ނިޒާމަަށް ތާއީދު ހޯދުމުގެ ގޮތުން ޕެޓިޝަނެއްގައި ސޮއިކުރަމުންނެވެ. މި ޕެޓިޝަނުގައި ބައި ލައްކަ އަށް ވުރެ ގިނަ މީޙުން ސޮއިކޮށްފައިވާ ކަމަށް މިމަސައްކަތުގައި ހަރަކާތްތެރިވާ ފަރާތްތަކުން ވަނީ މީޑިއާއަށް މައުލޫމާތު ދީފައެވެ. ބަރުލަމާނީ ނިޒާމެއް ގެނެސް ބޮޑުވަޒީރުކަން ކުރައްވަން ބޭނުންފުޅުވާ ކަމަށް ރައީސް ނަޝީދު ވަނީ މީގެ ކުރިން ވިދާޅުވެފައެވެ. ނަމަވެސް ރައީސް ސާލިހުއަށް ތާއީދު ކުރައްވާ ފަރާތްތަކުން މިކަމަށް އެއްބާރުލުން ދެމުން ނުގެންދާ ކަމުގެ އަޑުތައް ވަނީ ފެތުރިފައެވެ.