ހިނގަމުންދާ މައްސަލައަކާއި ގުޅިގެން އެއްވެސް ފަނޑިޔާރަކަށް ގުޅާ އެއްވެސް ވާހަކައެއް މިއަދާ ހަމައަށް ދައްކާފައި ނުވާނެ ކަމަށް ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރު ވިދާޅުވެއްޖެއެވެ.
އަލީ ޒާހިރު ވިދާޅުވީ، އޭނާގެ މައްޗަށް ތުހުމަތުކޮށް މިފަދަ ވާހަކަތައް ދައްކަމުންދަނީ ނުވަތަ ކޯޓުތަކަށް ނުފޫޒު ފޯރުވަނީ އޭނާ ކަމަށް ތުހުމަތު ކުރަނީ ސީދާ ރައީސުލްޖުމުހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު އަށް އަމާޒުކޮށް އެކަހަލަ ވާހަކަތައް ދައްކަން ނުކެރޭތީ ކަމަށެވެ. ރައީސް އޮފީހުގައި ތަމްސީލް ކުރަނީ އެއްވެސް ޕާޓީއެއް ނޫން ކަމަށާއި ރައީސް އަށް އަލީ ޒާހިރު އާ މެދު އިތުބާރު ނެތްނަމަ އެ މަގާމުގައި އޭނާ ނުބަހައްޓާނެ ކަމަށް ވިދާޅުވިއެވެ. އަލީ ޒާހިރުގެ އަސްލު އޯޑިއޯއެއް ލީކުވެއްޖެނަމަ މަގާމުން އިސްތިއުފާ ދެއްވާނަންތޯ ނޫސްވެރިއަކު ސުވާލު ކުރުމުން އަލީ ޒާހިރު ވިދާޅުވީ، އެފަދަ އޯޑިއޯއެއް ލީކުވެއްޖެނަމަ އިސްތިއުފާ ދެއްވާނެ ކަމަށާއި ނަމަވެސް އެފަދަ އޯޑިއޯ އެއް ލީކު ނުވާނެ ކަމުގެ 100 ޕަސެންޓް ޔަގީން ކަން އެބައޮތް ކަމަށެވެ.
މިފަދަ އެއްވެސް މައްސަލައަކާއި ގުޅިގެން އެއްވެސް ތަހުގީގެއް ހިންގާ ކަމެއް އެނގިފައި ނެތް އަދި މިހާތަނަށް އޭނާ އާއި ސުވާލެއްވެސް ކޮށްފައެއް ނުވާއިރު ނަމަވެސް ސުވާލެއް ކޮށްފިނަމަ ހުންނެވީ ޖަވާބުދޭން ތައްޔާރަށް ކަމަށް އަލީ ޒާހިރު ވިދާޅުވިއެވެ.