އުމުރުން 12 އަހަރާއި 17 އަހަރާއި ދެެމެދުގެ ގިނަ އަދަދެއްގެ ސުކޫލް ދަރިވަރުން ކޮވިޑް19 ވެކްސިންގެ ދެވަނަ ޑޯޒް މިއަދު ޖަހައިފިއެވެ.
މި އުމުރުފުރާގެ ކުދިންނަށް ޖަހަމުން އަންނަނީ ފައިޒަރ ވެކްސިންއެވެ. އުމުރުން 12 އަހަރާއި 17 އަހަރާ ދެމެދުގެ ކުދިންނަށް ފައިޒަރ ވެކްސިން ޖަހަން ފަށާފައިވަނީ ސެޕްޓެމްބަރު މަހުގެ 15ވަނަ ދުވަހުގައެވެ. އެޑިއުކޭޝަން މިނިސްޓްރީން ބުނެފައިވަނީ މި އުމުރުފުރާގެ ވެކްސިން ޖެހޭ 40 ހާހެއްހާ ކުދިން ރާއްޖޭގައި އެބަތިބި ކަމަށެވެ. ހުޅުމާލެގައި ހިންގަމުން އަންނަ ހުރަވީ ސުކޫލުން ބުނެފައިވަނީ އެ ސުކޫލްގެ 400 ކުދިންނަށް މިހާރު ވެކްސިންގެ ދެވަނަ ޑޯޒް ޖަހާފައިވާ ކަމަށެވެ. އެ ސުކޫލަކީ 1500 އަށްވުރެ ގިނަ ކުދިން ކިޔަވަމުން އަންނަ ސުކޫލެެކެވެ.
ވެކްސިން ޖަހަންދާ މަރުކަޒުތަކުގައި ބެލެނިވެރިން ކިޔޫގައި ޖެހެން ނުޖެހޭ އިރު ވެކްސިނާއި ގުޅޭ ހުރިހާ މައުލޫމާތެއް އަންނަނީ އެސްއެމްއެސް މެދުވެރިކޮށް އަންގަމުންނެވެ. އުމުރުން 12 އަހަރާއި 17 އަހަރާއި ދެމެދުގެ ކުދިންގެ ތެރެއިން ވެކްސިންޖެހޭ ހުރިހާ ކުދިންނަށް ފުރަތަމަ ޑޯޒް މިހާރު ވަނީ ގާތްގަނޑަކަށް ޖަހާ ނިންމާލާފައެވެ.