މާލޭގައި މިވަގުތު ތިއްބެވި ޕީޕީއެމްއަށް ނިސްބަތްވާ ރައީސުންނާއި މިއަދު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ލީޑަރޝިޕުން ބައްދަލު ކުރައްވައިފިއެވެ.
މިއަދު ޕީޕީއެމް އޮފީހުގައި ބޭއްވި މިބައްދަލުވުމުގައި ކައުންސިލްތަކުގެ ރައީސުންވަނީ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް ނުޙައްގުން މިސަރުކާރުން ދެމުންގެންދާ އަނިޔާ ކުށްވެރި ކުރައްވާފައެވެ. އަދި ރައީސް ޔާމީނަށްކޮށްފައިވާ ހުކުމަކީ ސިޔާސީ ހުކުމެއް ކަމަށާއި މިހާރު ލީކުވެފައިވާ ފަނޑިޔާރުންގެ އޯޑިއޯތަކުންވެސް އެހުކުމަށް ސަރުކާރުގެ ތެރެއިން ނުފޫޒު ފޯރުވާފައިވާ މިންވަރު ހާމަވާކަން ފާހަގަކޮށްފައެވެ.
އަދި މިހާރުން މިހާރަށް ރައީސް ޔާމީން ދޫކޮށްލަން ޖެހޭ ކަމަށާއި ރަށްރަށުގައި ރައީސް ޔާމީން މިނިވަން ކުރުމަށް ހިންގާ ހަރަކާތްތައް އިތުރަށް ވަރުގަދަ ކުރުމަށް ލިޑަރޝިޕާއި މަޝްވަރާ ކުރެއްވިއެވެ. މީގެ އިތުރުން ކައުންސިލްތަކުގެ ރައީސުންވަނީ ކައުންސިލްތައް ހިންގުމަށް މިސަރުކާރުން އެއްބާރުލުން ނުދޭތީ އެކަމާ ކަންބޮޑުވުން ފާޅުކޮށްފައެވެ. އެގޮތުން ކަންސިލްތަކަށް ޤާނޫނީ ބާރު ދީފައިވީ ކަމުގައިވިޔަސް ކައުސިލްތަކުން ބޭނުންވާ ބަޖެޓު ސަރުކާރުން ހަމަޖައްސައިނުދޭތީއާއި، ގާނޫނުން ކުރުމަށް ލާޒިމުކުރާ ކަންކަން ކުރުމަށްވެސް ބަޖެޓު ނުލިބޭކަމުގެ ކަންބޮޑުވުން ފާޅުކުރައްވާފައެވެ. އަދި ކައުންސިލްތަކުން ސަރުކާރުގެ އިދާރާތަކަށް ފޮނުވާ ސިޓީތަކަށާއި ކުރެވޭ މުޢާމަލާތްތަކަށް އިޖާބަނުދޭކަންވެސް ފާހަގަކުރެއްވިއެވެ. އަދި ކައުންސިލްތައް ހިންގުމަށާއި ރައްޔިތުންނަށް ހިދުމަތް ކުރުމަށް ހުރި ދަތިތައް ޕީޕީއެމް ޕީއެންސީގެ ލީޑަރޝިޕާއި ހިއްސާކުރެއްވިއެވެ. ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ލީޑަރޝިޕުންވަނީ ކައުންސިލްތަކަށް ދިމާވާ ދަތިތައް ހައްލުކުރުމަށް އިދިކޮޅު ސިޔާސީ ކޯލިޝަންގެ ގޮތުގައި ކުރަންޖެހޭ ހުރިހާކަމެއް ކުރަމުންދާނެ ކަމުގެ ފުރިހަމަ ޔަގީންކަން އަރުވާފައެވެ. އަދި ޕާޓީގެ ސިޔާސީ ޙަރަކާތްތައް ރަށްރަށުގައި ފުޅާކުރުމާއި، މެމްބަރުން އިތުރުކުރުމާއި، އަދި މިހާރު ރަށްރަށުގައި އެކުލަވާލެވިފައިވާ ސްޓިއަރިންގ ކޮމިޓީތަކުގެ މަސައްކަތްތަކާ ބެހޭގޮތުން ކައުންސިލްތަކުގެ ރައީސުންނާއި ލީޑަރޝިޕުން މަޝްވަރާ ކުރެއްވިއެވެ. އަދި ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން އަތޮޅުތަކާއެކު އޮންނަ ގުޅުން އިތުރަށް ފުޅާކުރުމާ ގުޅޭގޮތުންވެސް މަޝްވަރާ ކުރާއްވާފައިވާ ކަމަށް އެޕާޓީން ހާމަކުރެއެވެ.