ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމަކީ ބޮޑުވަޒީރުކަމުގެ މަގާމަށް ގެންނަން ވަރަށް ރަނގަޅު ބޭފުޅެއްކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ބަރުލަމާނީ ނިޒާމެއް ރާއްޖެއަށް ގެނައުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ނަޝީދު މިފަދައިން ވިދާޅުވެފައި މިވަނީ ގާސިމް އެ ނިޒާމާއި ފާޅުގައި ދެކޮޅު ހައްދަވާފައިވަނިކޮށެވެ. އަނެއްކޮޅުން ނަޝީދަކީ ބޮޑުވަޒީރުކަމުގެ މަގާމަށް އެންމެ ކުރީއްސުރެއްވެސް ޝައުގުވެރިކަން ފާޅުކުރައްވަމުން ގެންދަވާ ބޭފުޅެކެވެ.
2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ކުރިން ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރުމަށް ޕެޓިޝަނެއް ތައްޔާރުކޮށް އޭގެ މަސައްކަތް ކުރިއަށް ގެންދިޔުމުގައި އިސްކޮށް ހަރަކާތްތެރިވާ ރައީސް ނަޝީދު ގާސިމާއި ގުޅޭގޮތުން ވާހަކަ ދައްކަވާފައިވަނީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ތިއްބަވާ ވަޓްސްއެޕް ގްރޫޕެއްގަ އެވެ.
އެ ގުރޫޕުގައި ގާސިމަކީ ބޮޑުވަޒީރުކަމަށް ގެންނެވުމަށް ގާބިލު ބޭފުޅެއްކަމަށް ފުރަތަމަ ވިދާޅުވީ ބިލެއްދޫ ދާއިރާގެ މެމްބަރު އަހުމަދު ހަލީމު (ދޮންބިލެއް) އެވެ. އެވާހަކަތަކާއި ދެކޮޅު ހައްދަވައި މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) ވަނީ ގާސިމަށް ބޮޑުވަޒީރުކަން ދެއްވުމަށް ތާއީދު ނުކުރައްވާނެ ކަމަށް ވިދާޅުވެފަ އެވެ.
އެއާއި ވިދިގެން ރައީސް ނަޝީދު ވިދާޅުވީ ހަލީމަކީ ދުރުވިސްނޭ ބޭފުޅެއް ކަމަށާއި އިސްލާހީ މަސައްކަތުގައި ގާސިމްގެ މަސައްކަތް ބޮޑުކަމަށެވެ. ގާސިމްގެ މަސައްކަތް ވަރަށް ކައިރިން ދެކެވަޑައިގެންނެވި ކަމަށާއި އެހެންކަމުން ބޮޑުވަޒީރުގެ މަގާމަށް ގާސިމަކީ ރަނގަޅު ބޭފުޅެއްކަމަށް ދެކެވަޑައިގަންނަވާކަމަށްވެސް ރައީސް ނަޝީދު ވިދާޅުވި އެވެ.
މީގެ ކުރިން ގާސިމް ވަނީ ބަރުލަމާނީ ނިޒާމަށް އެއްވެސް ރައްޔިތަކު ތާއީދު ނުކުރެއްވުމަށް ގޮވާލައްވައިފަ އެވެ. ބެލެވޭ ގޮތުގައި ގާސިމަށް ތައުރީފުކުރައްވައި ރައީސް ނަޝީދު ވާހަކަ ދައްކަވާފައި މިވަނީ ބަރުލަމާނީ ނިޒާމުގެ ކެމްޕެއިނަށް ގާސިމުގެ ތާއީދު ހޯއްދެވުމަށެވެ.
ވަޓްސްއެޕް ގުރޫޕުގައި ނަޝީދުގެ ވާހަކަތަކަށް ރައްދު ދެއްވައި ގާސިމް ވިދާޅުވީ އެމްޑީޕީން އޭނާއަށް ޕިޔޯނުގެ މަގާމުވެސް ނުދޭނެ ކަމަށެވެ. އެމަގާމު ދިނަސް އެއީވެސް ވަރަށްބޮޑު ކަމެއްކަމަށް ގާސިމް ވިދާޅުވި އެވެ.
ރައީސް ނަޝީދަކީ ފެށުނީއްސުރެއްވެސް ބަރުލަމާނީ ނިޒާމަށް ތާއީދު ކުރައްވާ ބޭފުޅެކެވެ. އެމަނިކުފާނު ފިޔަވައި އެހެން އެއްވެސް ސިޔާސީ ލީޑަރަކު އެނިޒާމަށް ތާއީދެއް ނުކުރައްވަ އެވެ. މިހާރު ކެމްޕެއިން ފަށައި ޕެޓިޝަނެއްގައި ސޮއިކުރުމުގެ މަސައްކަތް ފަށާފައިވާއިރު އެމްޑީޕީގެ ތެރޭގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ތާއީދު ކުރައްވާ މެމްބަރުންވެސް ޕެޓިޝަންގައި ސޮއިކޮށްފައެއް ނުވެ އެވެ. މި ޕެޓިޝަންގެ މަސައްކަތުގައި އިސްކޮށް އުޅުއްވަނީ ރައީސް ނަޝީދަށް ތާއީދު ކުރައްވާ މެމްބަރުން އެކަނިކަންވެސް ފާހަގަކޮށްލެވެ އެވެ. ރައީސް ނަޝީދު ވަނީ ރާއްޖޭގެ އެންމެ ފުރަތަމަ ބޮޑުވަޒީރަށް ވެވަޑައިގަންނަވަން ބޭނުންފުޅުވާކަމަށް މީގެ ކުރިން ވިދާޅުވެފަ އެވެ.